Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ކޫއްޑު އަށް 800 ޓަނުގެ މަސް ގަނެވޭނެ ގޮތް ހަދަނީ

މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިކަމުގެ މޫސުން ފެށެންވާއިރަށް ގއ.ކޫއްޑޫއަށް 800 ޓަނުގެ މަސް ގަނެވޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ކިރުވުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރު މުއްދަތާއި ދިގު މުއްދަތެއްގައި ކުރެވޭ ކަންކަމާއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ތިން މަސް ދުވަހުގެ ތެރޭގައި ކޫއްޑޫގެ ޤާބިލްކަން އިތުރުކުރެވޭނެ ހަމައެކަނި ގޮތަކީ މަސް ފިނިކޮށް، ގަނޑު ކުރާ ފްރީޒާ ވެސަލްތަކެއް ގަތުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ރައީސް އޮފީހާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޑރ. ހުސައިން ވިދާޅުވީ ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމުގައި 800 ޓަނު ކޫއްޑޫއަށް ކިރުމަށް ގެންނާނެ ކަމަށް ބަލާއިރު، ކުރުރާސްތާ ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ގާބިލްކަން ޤާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ މަސް ގަނޑުކޮށް ފިނި ކުރާ ފްރީޒާ ވެސެލްސް ގަތުން ކަމަށެވެ.