Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

މި އަހަރު ހައްޖަން ގެންދާނީ ހައްޖު ކޯޕަރޭޝަނަށް އެކަނި

ރާއްޖެއިން މިއަަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އަށް ލިބިފައިވަނީ 453 ކޯޓާ ކަމަށާއި އެގޮތުން އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން، ޕްރޮޕޯސަލް ހުށަހަޅައި، އިވެލުއޭޓް ކުރަން އެކަށީގެންވާ މުއްދަތެއް ނެތުމުން މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ހައްޖަށް މީހުން ގެންދިއުން ހައްޖު ކޯޕަރޭޝަނާ ހަވާލުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ޙައްޖަށް މީހުން ގެންދިޔުމަށް ރާއްޖެ އަށް ލިބިފައިވާ 453 ކޯޓާގެ ތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އާންމުންނަށް ހުޅުވާލައިގެން ޙައްޖަށް ގެންދިޔުމަށް ޚާއްސަކޮށްފައިވާ 100 ކޯޓާއަށް މިހާރު ޙައްޖު ކޯޕަރޭޝަންގެ ކިޔުގައި ތިބި ފަރާތްތަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ އާންމުންނަށް ހުޅުވާލައިގެން ޙައްޖަށް ގެންދިޔުމަށް ޚާއްސަ ކޮށްފައިވާ 100 ކޯޓާގެ ތެރެއިން ޙައްޖަށް ދިޔުމަށް އެދި ހުށައެޅުމުގައި އަމަލުކުރާނެ އުޞޫލެއް އެ ކޯޕަރޭޝަނުން އާންމުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން ސައުދީގެ ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން އިތުރު ކޯޓާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.