Last Updated: June 29, 21:20
Monday, June 29, 2026
ރިޕޯޓް

ރިއާސީ ބަޔާނަކު އައްޑޫ އެއާޕޯޓްގެ ވާހަކައެއް ނެތް!

ރައީސް ޔާމީން ޖެނުއަރީ 17 ވަނަ ދުވަހު އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން. ފޮޓޯ/ ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން މިއަދު މަޖިލީހުގައި އިއްވެވި ފުރަތަމަ ރިއާސީ ބަޔާނާ އެކު އައްޑޫގެ ރައްޔިތުން މާޔޫސްވެ ހިތް ރޮއްވާލައިފި އެވެ.

މިއަދުގެ މަޖިލީހުގައި ރިއާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު 32،000 މީހުންގެ އާބަދީ އޮތް އައްޑޫ ރައްޔިތުން ޓީވީ އާއި ރޭޑިއޯ ޓިއުން ކުރައްވައިގެން ތިއްބެވީ އެބޭފުޅުންގެ ބޮޑު ތާއިދާއި އެކު ރައީސްކަމަށް އިންތިހާބްވެވަޑައިގެންނެވި ރައީސް އައްޑޫ "ދެކުނު ތަރައްޤީގެ މައި ހަބަކަށް" ހައްދަވަން އިއްލާން ކުރައްވާނެ ކަންކަން ކަނުލައި އަޑު އެހުމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުރިއަށް އޮތް 50 އަހަރަށް ބޭނުން ކުރެވޭނެ ގޮތަށް ތަރައްޤީ ކުރައްވާނެކަން އިއްލާން ކުރެއްވުމާއި އެކު ދެން ތިއްބެވީ ގަމުގެ ވައިގެ ބަނަދަރުގެ ވާހަކަ އަޑު އަހާށެވެ.
ނަމަވެސް ދެން އިވިގެން ދިޔައީ ހދ. ހަނިމާދޫން 20 މިނިޓުން ދެވޭ ހދ. ކުޅުދުއްފުށީގައި ވައިގެ ބަނދަރެއް ތަރައްޤީ ކުރުމަށް ސަރުކާރުން ހުޅުވާލި ވާހަކަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ރައީސް ޔާމީން އައްޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ގަމުގެ ވައިގެ ބަނަދަރުގެ ވާހަކައަށް ދެއްވި "ފިނި" ސަމާލުކަމާއި އެކު ކަންބޮޑުވެފައި ތިބި ރައްޔިތުންނަށް މިއަދު "ޔަޤީން" ވެ ކަށަވަރުވީ އައްޑުއަކަށް މި ސަރުކާރުން ކަމެއް ކޮށްދޭން ނެތް ކަމެވެ.

ހުރިހާ ކަމެއް ވެސް އޮތީ އައްޑޫ ރައްޔިތުން "ހިތް ރުއްސުމަށް" ކަމަށެވެ.

ރިއާސީ ބަޔާންގައި އައްޑޫގައި ސަރުކާރުން އަޅަން ބުނި ހޮސްޕިޓަލާއި، ޓޫރިޒަމްގެ ފުރުސަތުގެ ވާހަކަ އާއި ގަމުގެ ވައިގެ ބަނދަރުގެ ވާހަކަ ނުހެމެނި އިއްތިފާގަކުން ނިމިފައިވާ އިރު ސަރުކާރުން އައްޑޫގައި ބޮޑު މަޝްރޫއެއް ހިންގަން އުޅޭ ކަމުގެ ކުލަވަރު ވެސް 100 ދުވަސް ނިމި ގޮސްފައިވާ އިރު ފެނިފައެއް ނުވެއެވެ.

އަދި އަނެއްކާވެސް އައްޑޫއަށް އޮތީ ބަނަ ދުވަސް ތަކެއް ކަން މިވަނީ ފެންނަން ފަށާފައެވެ. އަވައްޓެރި ފުވައްމުލަކު ގައި ފެނައި ނަރުދަމާ، އައިޓީ ސެންޓަރު، ކުޅިވަރު އެރިނާތައް ހެދި ވައިގެ ބަނދަރު ރޭގަނޑަށް ދިއްލޭއިރު އައްޑޫގައި ދިއްލޭން ހުރި ތަންތަން އަންނަނީ ސަރުކާރުގެ އެންގުމަށް ނިއްވެމުންނެވެ.

ގަމުގެ ވައިގެ ބަނދަރުން ވިއްކަމުން އަންނަ ތަލުގެ އަގުބޮޑު ކުރުމާއި، ހެރެތެރެގޭ ހުއްޓާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ތެދެކެވެ. "ދިޔަދޮވިގެ ދެކޮޅުން ފެން ވެއްޓެން" އެއްވެސް ސަރުކާރަކުން ނޭދޭނެ އެވެ. އައްޑޫ ރައްޔިތުން މިކަމަށް ހޭލަން ވެއްޖެ އެވެ.