އައްޑޫގެ ރިސޯޓްގެ ބިމުގެ ކުލި އެއްކޮށް ކަނޑާލަދޭން ރައްޔިތުންގެ މަޖިލީގުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް އެދިވަޑައިގެންފި އެވެ.
ރާއްޖޭގައި އެންމެ ގިނައިން ރިސޯޓް ހިންގާ ސަރަހައްދުތަކުގެ ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ކުރުމަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން އިސްލާހާ ގުޅިހެން އެ ބިލު ދިރާސާކުރާ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައުގެންނެވި އިރު ނާޒިލު ވިދާޅުވީ އޭނަގެ ޑިމާންޑަކީ އިންވެސްޓްތައް އައްޑު އަށް ގެނައުމަށްޓަކައި ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ބިމު ކުލި އެއްކޮށް ކަނޑާލަދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫގެ ތިން ރިސޯޓުގެ ތެރެއިން ދެ ތަނެއް މިހާރު ވެސް އޮތީ ނުހިންގި ކަމަށެވެ. އެހެންވެ އެތަންތަނުން ލިބެންވީ މަންފާ ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"އަތޮޅުގެ ގިނަ ރައްޔިތުންނަށް އެއިން ލިބޭ އާމްދަނީ ނުލިބި، ވަރަށް ނިކަމެތިކޮށް އޮތީ. ހަގީގަތުގައި އަތޮޅަކީ ގުދުރަތީ ގޮތުން ވަރަށް ބަލިކަށި އަތޮޅެއް. މާ ގިނަ ގުދުރަތީ ވަސީލަތްތަކެއް ނެތް، ފަޅު ރަށްތަކެއް ނެތް. ފަޅެއް ނެތް، ބިމެއް ނެތް،" ނާޒިލު ވިދާޅުވި އެވެ. "ހަމައެކަނި އިންސާނީ ވަސީލަތްތަކެއް ހުރީ. އަނެއް ގޮތަށް ބުނާ ނަމަ ބޯ ގިނައީ."
ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން، "ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު" އާ ގުޅޭގޮތުން، މީރާ، އެމްއެމްއޭ، ސީއެމްޑީއޭ އަދި މަޓީގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/Jdyh9SApS1
— People's Majlis (@mvpeoplesmajlis) May 23, 2022
ކޮމިޓީގައި ނާޒިލް ވަނީ 11 އަތޮޅެއްގެ ބިމު ކުލި ކުޑަކުރަން ސަރުކާރުން އުޅޭ އިރު، އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން އައްޑޫން ބިމު ކުލި ނުނަގާ ގޮތަށް ހަމަ ނުޖެއްސެންވީ ކީއްވެގެންތޯ ވެސް މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.
"މިނިސްޓަރު ފާހަގަކުރެއްވި ގޮތަށް ހިނގާބަލަ، ހަމަ އެ ޖޯޝާ ފޯރީގައި އައްޑު އަތޮޅަށް އިންވެސްޓަރުން ގެންނަން މި ތަނުން ސުމަކަށް ހަދާލަން،" ނާޒިލު ވިދާޅުވި އެވެ. "ދޭއް މި އޮތް ތަން ސުމަކަށް ހަދާލަން. އެ ޖޯޝާ ފޯރިއާއެކު އައިސް، ބާކީ އޮތް ދެ ރަށް ވެސް ހުޅުވޭނެ ގޮަތަކަށް ކަންތައްތައް ކުރެވިދާނެތޯ؟ އަޅުގަނޑުމެން ސުމަކަށް ހަދައިގެން ތިން މިލިއަން ޑޮލަރު ސަރުކާރަށް ނުލިބި އާންމު ރައްޔިތުންނަށް ކިހާވަރެއްގެ ފައިދާއެއްތޯ ވާނީ އެއަށް ކީއްވެގެންތޯ އެ ފޯރި ނުގެންނަންވީ؟"
އޭނަގެ އެ ވާހަކަތަކާ ގުޅިގެން މައުސޫމް ވިދާޅުވީ މާނައެއް ނެތް ފީ ނެގުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ތިޔަ ވިދާޅުވި ގޮތަށް ދުނިޔޭގެ އެހެން ގައުމުތަމުގައި ކަންކަން ކުރާ ގޮތެއް އެއީ. އިންވެސްޓްމަންޓްތައް ގެންނަން، މާ ބޮޑު މާނަައެއް ނެތް ފީތައް ނުނެގުން،" މިނިސްޓަރު ވިދާޅުވި އެވެ. "ވަރަށް ގިނަ ގައުމުތަކުގައި ކުރާ ކަމެއް އެއީ."
މައުސޫމް ވިދާޅުވި ގޮތުގައި ރާއްޖެއަށް އާމްދަނީ ލިބޭނެ މައިގަނޑު ދާއިރާއަކަށް އޮތީ ޓޫރިޒަމްކަމަށްވުމުން ކުއްޔަކީ ވަރަށް މުހިއްމު އެއްޗެކެވެ.
"އެއްޗެއް ނެގުމުގެ މުހިންމުކަން އެބަވޭ ރަށެއް ބަންދުކޮށްލާފައި އޮންނަ ވަގުތުވެސް. މިސާލަކަށް ޝަންގްރިއްލާ މިހާރު ބަންދުކޮށްފައި އޮތަތީވެ، އައްޑޫ އިންވެސްޓްމަންޓް ކުންފުނީގެ ފަރާތުން ދައުލަތަށް އަހަރަކު 800،000 ޑޮލަރު ދައްކަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމަ ބަންދުކޮށްފައި އޮންނަ ވަގުތު އައްޑޫ ރައްޔިތުންނަށް ސީދާ ފައިދާއެއް ނުލިބުނަސް ދައުލަތަށް ތެތްކަރެއް އެބަ ލިބޭ."
މައުސޫމް ވިދާޅުވީ އިންވެސްޓްމަންޓް ގެނައުމަށްޓަކައި މާނައެއް ނެތް ފީތައް އެއްކޮށް ނައްތާލުން ނުވަތަ ކުޑަ ކުރުމަކީ ރަނގަޅު ކަމަކަށް ވެދާނެ ކަމަށެވެ.