Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ރައީސް ޔާމީންގެ ޓްވީޓްތަކުން ވަގަށް ގޮވުމުގެ "ފޯރިއެއް"

ކުރީގެ ރައީސް އަބްދުﷲ ކުރައްވާ ޓްވީޓްތައް "ވަރުގަދަކަމުން" އެއިން އެއްޗެއްގައި ބުނާ ވާހަކައެއް ދޭހަނުވާ ކަމަށް ބުނެ ކުރާ ކޮމެންޓްތައް ވަރަށް ގިނަ އެވެ. އޭގެ އިތުރަށް އެ މަނިކުފާނުގެ ޓްވީޓްތަކަށް އަންނަ ކޮމެންޓްތަކުން ދެން އެންމެ ބޮޑަށް ފާހަގަކުރެވެނީ ވައްކަމާއި ކޮރަޕްޝަނާ ގުޅުވައިގެން ފޮލޯވަރުން ކުރާ ކޮމެންޓްތަކެވެ.

މި މަހުގެ 4 ގައި ރައީސް ޔާމީން ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވި ފަހުން މިހާތަނަށް ކުރެއްވި ޓްވީޓްތަކަށް އައިސްފައި ހުރި ގިނަ ކޮމެންޓްތަކުގައި "ކޮރަޕްޝަނާއި ވަގަށް ގޮވާފައި" ހުރި ކޮމެންޓްތައް ނިސްނަބަތުން ގިނަ އެވެ.

މިކަން ގިނަ ބަޔަކު ގުޅުވަނީ ޔާމީންގެ ވެރިކަމުގައި މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ވެސް ހިންގާފައި އޮތުމުންނެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެންމެ ބޮޑު މަންފާއެއް ލިބުނު ކަމަށް ގިނަ ބަޔަކު ކުރާ ބޭފުޅަކީ ވެސް ރައީސް ޔާމީނެވެ.

އެ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް އުފުލި ދައުވާ އިން ސަލާމަތްވެވަޑައިގަތަސް ބޮޑު ހިޔާނާތުން ރައީސް ޔާމީނަށް "އިންސާފުގެ ކުރިމަތީގައި" ރެކެވޭނެ ގޮތެއް ނޯންނާނެ ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.

އެހެންވެ ދެން ވެސް ރާއްޖޭގެ ރައީސް ކަމަށް "ވަގެއް" ގެންނަން ބޭނުން ނުވާ ކަމަށް ބުނެ ރައީސްގެ ޔާމީންގެ ޓްވީޓްތަކަށް ކޮމެންޓްކުރުން ވަރަށް އާންމެވެ.

ރައީސް ޔާމީނާ ބެހޭ ގޮތުން "ހިތުހުރިހާ" އެއްޗެއް ޓްވިޓާގައި ގޮވަމުން ދިޔަޔަސް ފާހަގަކޮށްލެވޭ ކަމަކީ އެއިން ކޮމެންޓަކަށް އެއްވެސް ރައްދެއް މިހާތަނަށް ދެއްވާފައި ނެތްކަމެވެ.

ނަމަވެސް ރައީސް ޔާމީންއާ ކޮރަޕްޝަނާއި ވައްކަން އަބަދު ގުޅުވާ ނަމަ އަސްލު ބޮޑު މަންޒަރާ ދޭތެރޭ ވިސްނައިލުން ރަނގަޅެވެ.