Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ފްލެޓުތަކުގައި އަޑުގަދަ މަސައްކަތް ހަވީރު 6 ގެ ފަހުން މަނާ

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހަވީރު ހައެއްގެ ފަހުން ހިޔާ ފްލެޓްގައި އަޑުގަދަކޮށް މަސައްކަތް ކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ ހަވީރު 6 އިން ހެނދުނު 8 ޖެހުމާ ހަމައަށް އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.

އެގޮތުން ފްލެޓުތަކުގައި އުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށާއި އަދި ފްލެޓުގައި މަސައްކަތް ކުރާއިރު އަވަށްޓެރި ފްލެޓްތަކަށް ދަތިނުވާނެހެން މަސައްކަތް ކުރިއަށްގެންދަން އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އަޅާފައިވާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ހިޔާ ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން ދޫކުރި 6،720 ފްލެޓްގެ ތެރެއިން މިހާރު 6،000 އެއްހާ ފްލެޓްގައި މީހުން ދިރިއުޅެމުންދެ އެވެ.