Last Updated: April 19, 20:49
Friday, April 19, 2024
ޚަބަރު

ރާޖަޕަކްސައާ ބެހޭ ހަބަރާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަނީ

ލަންކާގެ ކުރީގެ ބޮޑުވަޒީރު ރާޖަޕަކްސަ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ މަޝްހޫރު ހޮޓެލް ކުންފުނި، ސޮނެވާ އިން ޕްރައިވެޓް ވިލާއެއް ބައްލަވައިގަތް ހަބަރާއި ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަން ރާޖަޕަކްސަގެ އޮފީހުން ނިންމައިފި އެވެ.

"ދަ މޯލްޑިވްސް ޖާނަލް" ގައި މިއަދު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ރާޖަޕަކްސާ އާއި އޭނަގެ އާއިލާ އަށް 12 މިލިއަން އެމެރިކާ ޑޮލަރަށް ސޮނޭވާ ފުށިން ޕްރައިވެޓް ވިލާއެއް ވިއްކުމަށް އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ. އަދި މިއީ ލަންކާގެ މިހާރުގެ ހާލަތު ހަމައަކަށް އެޅެންދެން ރާޖަޕަކްސަގެ އާއިލާ އިން ތިބުމަށް ގަންނަ ވިލާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން މި އެއްބަސްވުމުގެ މެދުވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. ނަޝީދު މިވަގުތު ހުންނެވީ ލަންކާގަ އެވެ. އެ ނޫހުން އާންމުކުރި ވާހަކަތައް ނަޝީދު ވެސް އަދި ސޮނޭވާ ކުންފުނީގެ ބާނީ ސޯނޫ ޝިވްދަސާނީ މިއަދު ވަނީ ދޮގުކުރައްވާފަ އެވެ.

"ދަ މޯލްޑިވްސް ޖާނަލް" ގައި ލިޔުނު ހަބަރާއި ގުޅިގެން ރާޖަޕަކްސަގެ ކުރީގެ ކޯޑިނޭޓިން ސެކެޓްރީ އަދި މިހާރު ރާޖަޕަކްސަގެ އޮފީހުގައި މަސައްކަތް ކުރައްވާ ކަސިލިންގްހަމް މިރޭ ވިދާޅުވީ އެ ރިޕޯޓުގައިވާ ގޮތަށް ނަޝީދާއި ރާޖަޕަކްސަ އަދި ބައްދަލުކުރައްވާފައި ނުވާ ކަމަށާއި އޭގެއިން ވެސް އެ ރިޕޯޓަކީ އެއްވެސް އަސާސެއް ނެތް އެއްޗެއްކަން ހާމަވާ ކަމަށެވެ.

އެގޮތުން ރާޖަޕަކްސައާ ގުޅޭގޮތުން ލިޔުނު ހަބަރާއި ގުޅިގެން އެ އޮފީހުގެ ފަރާތުން މިހާރު ގާނޫނީ ވަކީލުންނާއި ވާހަކަ ދައްކަމުންދާ ކަމަށާއި އަދި މި ހަބަރާއި ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިގުތިސާދީ ގޮތުންނާއި މާލީ ގޮތުން ލަންކާ ބޮޑު އަނދަވަޅަކަށް ވެއްޓި، ސިޔާސީ ގޮތުން ވެސް ކުރިމަތިވަމުން އައި ޕްރެޝަރުތަކާ ގުޅިގެން ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ ކުރީކޮޅު އެވެ. އެ ގައުމުގެ ސިޔާސީ މަސްރަހު ހޫނުވުމާ އެކު ރާޖަޕަކްސާގެ ދަރިކަލުން އަދި ކުރިގެ ޔޫތު މިނިސްޓަރު ނަމާލު ރާޖަޕަކްސާ ވެސް މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައި ރާއްޖެ ވަޑައިގަތްކުގެ އަޑުތަކެއް އެރި އެވެ.

ނަމަވެސް ވެސް ފަހުން ނަމާލު ވިދާޅުވެފައި ވަނީ އާއިލާގެ އެއްވެސް މީހަކު ނުފިއްލަވާނެ ކަމަށެވެ. އެ ބޭފުޅުން ގައުމުން ބޭރަށް ފުރުއްވުން ވެސް އޮތީ މަނާކޮށްފަ އެވެ.