Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

މަރަދޫ ޒުވާން އެދެނީ ޓާފް ދަނޑަކަށް

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިހާރު ޓާފް ދަނޑުތައް ހަދަމުން ދިޔަ ނަމަވެސް އައްޑޫ މަރަދު އަށް އެފަދަ ފުރުސަތެއް ފަހިވެފައި ނުވާތީ އެ އަވަށުގެ ޒުވާނުންތަކެއް ޓާފް ދަނޑެއް ހަދައިދޭން ގޮވާލައި އިހުތިތާޖުކޮށްފި އެވެ.

ޒުވާނުންތަކެއް އިސްކޮށްގެން ތިބެގެން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި އިހުތިޖާޖުގައި ޓާފް ދަނޑެއް ނެތުމާއި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ވެސް ނެތުމުގެ ޝަކުވާތައް ބޯޑްތަކުގައި ލިޔެފައިވެ އެވެ. އެގޮތުން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް މިހާރު ޓާފް ދަނޑުތަކެއް ހުރި އިރު މަރަދޫގައި އެފަދަ ދަނޑެއް ނެތީ ކީއްވެގެންތޯ ސުވާލުކޮށްފައިވެ އެވެ.

މި އިހުތިޖާޖުގައި ބައިވެރިވި ބައެެއް ޒުވާނުން ބުނި ގޮތުގައި އެ އަވަށަކީ ފުޓްބޯޅަ އާއި ފުޓްސަލް އަށް ލޯބިކުރާ ގިނަ ޒުވާނުންތަކެއް ތިބި އަދި ކޮންމެ ރޯދަ މަހަކު ބޮޑު ފުޓްސަލް މުބާރާތެއް ވެސް ބާއްވާ އަވަށަކަށްވެފައި ކުޅޭނެ ރަނގަޅު ދަނޑެއް ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

"މި ވާހަކަ އެކި ފަހަރު މަތިން ސަރުކާރުގެ ކަމާބެހޭ އެކިއެކި ފަރާތްތަކާއި އައްޑޫ ސިޓީ ކައުންސިލާ ހަމައަށް ވެސް ގެނެސްދެވިއްޖެ. އެކަމަކު އަޅުގަނޑުމެންގެ އަޑަށް އިޖާބަދޭނެ ބަޔަކު ނެތް." ޒުވާނަކު ބުންޏެވެ.

ޒުވާނުން ބުނި ގޮތުގައި ރަށުގައި މިހާރު ފުޓްސަލް ދަނޑާއި މިހާރު ރަސްމީކޮށް ފުޓްބޯޅަ ކުޅެން ބޭނުންކުރާ ވެންބޮޅޮފޮށި ސްޓޭޑިއަމަކި އެކަށީގެންވާ ތަންތަނެއް ނޫނެވެ. މަރަދޫ ކުޑަކުދިން ޕާކާ ދިމާލުގައި ފުޓްސަލް ދަނޑެއް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގަ އެވެ.

"މިހާރު އަހަރެމެން މި ބޭނުންކުރާ ދަނޑުތަކަކީ ކުޅެން އެކަށީގެންވާ ތަންތަނެއް ނޫން،" ޒުވާނަކު ބުންޏެވެ. "އަހަރެމެން އެންމެ ބޭނުން ވަނީ ޖާގަ ތަނަވަސް ޓާފް ދަނޑެއް."

ބައެއް ޒުވާނުން ބުނި ގޮތުގައި އެ ރަށުގެ ޒުވާނުންނަށް ސަރުކާރުން ވެސް ދައްކަނީ އަބަދު ހުވަފެނެވެ. އަދި ޒުވާނުން އެދޭ ކަންތައްތަކެއް ފަހިކޮށެއް ނުދެވެ އެވެ.