މާލޭ ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށް އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނިީ އިއްޔެ ހެނދުނު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ބަންދަށް 15 ދުވަސް ޖަހައި ދީފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ސްކޫލަށް ވަން މީހާ އުޅުނީ ޖަމާލުއްދީންގެ ޕްރިންސިޕަލަށް ހަމަލާދޭށެވެ.
ފުލުހުން ބުނި ގޮތުގައި ޖަމާލުއްދީން ސްކޫލަށް މާރާމާރީ ހިންގަން ވަން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހެނދުނު 9:00 ޖަހަން ގާތްވެފައި ވަނިކޮށެވެ. މި ހާދިސާ ހިނގި އިރު އިއްޔެ އަކީ މާލޭން އެއްކޮށް ކަރަންޓް ކެނޑި ބައެއް ސްކޫލްތަކުގެ ހެނދުނުގެ ދަންފަޅި ވެސް ކުރިއަށް ނުގެންދާ ދުވަހެކެވެ.