Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ކުލި ނުދައްކާ ރިސޯޓްތަކުގެ ތެރޭގައި އައްޑޫ ސައުތު ޕާމް

ރިސޯޓް ބިމު ކުލި ނުދައްކާ ރިސޯޓްތަކުގެ ތެރޭގައި އައްޑޫ ސައުތު ޕާމް ރިސޯޓް ވެސް ހިމެނިއްޖެ އެވެ.

މީދޫ ކައިރީގައި އޮންނަ އެ ރިސޯޓަކީ އައްޑޫގައި އޮތް ތިން ރިސޯޓްގެ ތެރެއިން އެންމެ ފަހުން ތަރައްގީކޮށް ހުޅުވި ރިސޯޓެވެ. ސައުތު ޕާމް ހުޅުވީ 2019 ގެ ތެރޭގަ އެވެ. ކުލި ނުދައްކާ ރިސޯޓްތަކުގެ ތެރޭގައި އެ ރިސޯޓް ހިމެނުނު އިރު، އެތަނަކީ މި ވަގުތު އައްޑޫގައި އެންމެ ރަނގަޅަށް ހިންގަމުން އަންނަ ރިސޯޓް ވެސް މެ އެވެ.

ސައުތު ޕާމް ކުލި ނުދައްކާކަން ހާމަވީ މީރާ އިން ކުލި ނުދައްކާ ރިސޯޓްތަކުގެ ނަންތައް އިއްޔެ އާންމުކުރުމުންނެވެ.

ޓޫރިޒަމް ބިމު ކުލި ނުރައްކާ 12 ރިސޯޓަކާއި ދަނޑުވެރިކަމަށް ދޫކޮށް ކުލި ނުދައްކާ ހަތަރު ކުންފުންޏެއްގެ ނަން މީރާ އިން އާއްމުކޮށްފައިވެ އެވެ. ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރަން މީރާ އިން އެކުލަވާލާފައިވާ "ނޭމް އެންޑް ޝޭމް" އުސޫލުގެ ދަށުން މީރާގެ ޓެކްސް ސެންޓަރުގެ ބޯޑުގައި އާއްމުކުރި ޓޫރިޒަމް ދާއިރާގެ 12 ރިސޯޓުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓުތައް ވެސް ހިމެނެ އެވެ.

ކުލި ނުދައްކާ ރިސޯޓްތަކުގެ ތެރޭގައި ސައުތު ޕާމް ހިމެނުނު އިރު، އައްޑޫގެ ރިސޯޓްތަކޔގެ ބިމު ކުއްލި އެއްކޮށް ކަނޑާލަން ދޭން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ޑިމާންޑް ވެސް ކުރައްވާފައިވެ އެވެ.

<>* ކުލި ނުދައްކައިގެން ނަން އާންމުކުރި 12 ރިސޯޓް:

1. އައްޑޫ ސައުތު ޕާމް މޯލްޑިވްސް
2. ތުރީއޭ ކުންފުނީގެ ފިލިތެޔޮ
3. އަތަމާ މެރިން އިންޓަނޭޝަނަލްގެ ކިހާ މޯލްޑިވްސް
4. އޭބީއެންގެ ބްރެނިއާ ކޮއްޓެފަރު
5. ރީކޯ މޫސަގެ ރަހާ ރިސޯޓް
6. ބޮން ފްރީގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓް
7. ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ވިޔަފާރި، މެދުފުށި އިންވެސްޓްމަންޓުގެ މެދުފުށި އައިލެންޑް ރިސޯޓު
8. ޕްލެޓިނަމް ކެޕިޓަލްގެ އެރިއަދޫ ރިސޯޓު
9. ސަންލޭންޑުގެ ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ
10. ސަންލޭންޑުގެ މަކުނުދޫ އައިލެންޑް ރިސޯޓު
11. ތެލުވެލިގާ ރިޓްރީޓުގެ ތެލުވެލިގާ ރިޓްރީޓް
12. ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީގެ ހޮނޑާފުށި އައިލެންޑް ރިސޯޓު

ސައުތު ޕާމްގެ އިތުރުން އައްޑޫގައި ތަރައްގީކޮށްފައިވާ ރިސޯޓްތަކަކީ ކެނަރީފާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އެވެ. ޝަންގްރިއްލާ އޮތީ ކޮވިޑް-19 ހެދި 2020 އިން ފެށިގެން ބަންދުކޮށްފަ އެވެ.