Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މީދު އަށް އަނެއްކާ ވެސް ކާޅުގެ އުނދަގޫ

އައްޑޫ މީދޫގައި އަނެއްކާ ވެސް ކާޅު އިތުރުވަމުންދާތީ އާންމުންނާއި އަވަށު އޮފީހުން ވެސް ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ މިއަދު ވިދާޅުވީ ރަށު ތެރޭގައި ކާޅުގެ ގިނަވެ، އޭގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ އައްޑޫގެ ދޮންދީނީގެ އާބާދީއަށް ކަމަށެވެ.

"ދޫނިތަކުގެ ބިސްތައް ބުއިމާއި ޅަ ދޫނިތަކާއި ބޮޑެތި ދޫނިތަކަށް ވެސް ކާޅު ހަމަލާތައް ދަނީ ލިބެމުން. މިކަން ގޮތަށް ދެމިގެންދާ ނަމަ ދޮންދީނީގެ އާބާދީ އަށް ވަރަށް ބޮޑު އަސަރެއްކޮށްފާނެ،" އޭނާ ވިދާޅުވި އެވެ. "ދޮންދީނި އަކީ ހިމާޔަތްކޮށްފައިވާ އަދި އައްޑޫގެ ފަހުރަކަށްވާ އިރު އެ ދޫނީގެ އާބާދީ ނުރައްކަލެއްގެ ތެރޭގައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް."

ސާލިހާ ވިދާޅުވީ ކާޅު އުނދަގޫ ބޮޑުވެގެން މިދިޔަ އަހަރުގެ މެދުތެރޭގައި ވެސް އެމްއެންޑީއެފުން ބަޑި ޖަހައިގެން ކާޅުތަކެއް މަރާފައިވެ އެވެެ. ނަމަވެސް މި ފަހުން ކާޅު މަރައިދޭން އެމްއެންޑީއެފްގައި އެދުނު ނަމަވެސް ބަޑި ޖަހައިގެން ކާޅު މަރަން އީޕީއޭ އިން މިހާރު ހުއްދަ ނުދޭތީ އެކަން ނުވެފައި އޮތް ކަމަށް ވިދާޅުވި އެވެ.

"އެހެންވެ މިކަމަށް ހައްލެއް ހޯދައިދޭން އަހަރެމެން ރެކްއެސްޓްކުރާތާ ވެސް އެތައް ދުވަހެއްވެއްޖެ. އެކަމަކު އަދިވެސް އަލިމަގެއް ނުފެނޭ. ކާޅު ނައްތާނުލެވި ގިނަ ދުވަސްވާ ނަމަ އޭގެ އާބާދީ އިތުރުވެ، އިތުރު ބޮޑު ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނީ." ސާލިހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ރަށުތެރޭގައި ހައެއްކަ ކާޅު އުޅޭ ކަމަށެވެ.

މީގެ ކުރިން އައްޑޫގެ ބައެއް އެހެން އަވަށްތަކަށް ވެސް ކާޅުގެ އުނދަގުލާ ކުރިމަތިލާން ޖެހިފައިވެ އެވެ.