Last Updated: July 18, 16:38
Saturday, July 18, 2026
ޚަބަރު

މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ޓާފް އަޅާނެ

މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމް.

އައްޑޫ މަރަދޫ ރަސްމީ ބޯޅަދަނޑުގެ ގޮތުގައި ބޭނުންކުރާ ވެންބޮޅަފިށި ސްޓޭޑިއަމްގައި ޓާފް އަޅަން މިހާރު ބަޔަކާ ކޮންޓްރެކްޓްކޮށްފައިވާތީ އެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް މަރަދޫ ކައުންސިލަރު އަހުމަދު ނާދިރު ވިދާޅުވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް އޭނާ މިއަދު ވިދާޅުވީ އެ މަސައްކަތް ހަވާލުކުރީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށާއި މަސައްކަތް ހަވާލުކުރީ އަންނަ އޮގަސްޓަށް ނިންމަން ޖެހޭ ގޮތަށް ކަމަށެވެ.

"ޓާފް އެޅުމުގެ ކުރިން އެތަނުގައި ކުރަން ޖެހޭ ކަންކަން ވެސް ފަށާފައި މިހާރު އޮތީ،" ނާދިރު ވިދާޅުވި އެވެ. "އެކަމަކު ބޭރުން ތަކެތި ގެންނަން ޖެހޭތީ ޓާފް ގެނައުން ފަދަ ކަންކަމުގައި ލަސްތަކެއް އުޅޭ ކަމަށް ކޮންޓްރެކްޓަރުގެ ފަރާތުން މައުލޫމާތު ލިބިފައި އޮތީ. އެކަމަކު އުންމީދަކީ ވީހާ ވެސް އަވަހަކަށް ވެންބޮޅަފިށި ސްޓޭޑިއަމްގައި ޓާފް އަޅައި އެތަން ބޭނުންކުރަން ފެށުން."

މަރަދޫގައި ޓާފް ދަނޑެއް ހަދައި ނުދީގެން އެ ރަށުގެ ޒުވާނުންތަކެއް އިއްޔެ އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ. އެ މީހުން ބުނެފައި ވަނީ ބޭނުން ވަނީ ރަނގަޅު ޓާފް ދަނޑެއް ކަމަށާއި ފުޓްބޯޅަ ކުޅޭނެ ރަނގަޅު ދަނޑެއް ނެތުމުގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ.

ނާދިރު ވިދާޅުވީ ވެންބޮފޮޅަފިށި ސްޓޭޑިއަމްގައި ޓާފް އެޅި ނަމަވެސް ޒުވާންގެ ޑިމާންޑްކުރަނީ ރަށުގެ އެހެން ދިމާއެއްގައި ދަނޑެއް ހަދައި ދިނުމަށް ކަމަށެވެ. އެހެންވެ އައްޑޫ ބިން ހިއްކާ އިރު، އެ މަޝްރޫއުގެ ތެރެއިން މަރަދު އަށް އިތުރުވާ ބިމުގައި ކުޅިވަރު ފެސިލިޓީތަކެއް ހެދުމުގެ ވިސްނުންތަކެއް ވެސް ހުރި ކަމަށް ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ގޮތުން އައްޑޫ ލޭންޑް ޔޫޒް ޕްލޭނަށް ހިޔާލު ހޯދުމުގެ ތެރެއިން ވެސް މަޝްވަރާކުރެވުނު ކަމަށް ނާދިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ އެހެން ދިމާއެއްގައި ފުޓްބޯޅަ ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ޒުވާނުން އެދެނީ މަރަދޫ ޕާކާ ދިމާލުން އޮތް ބިމެވެ. އެހެންވެ އެ ސަރަހައްދުން ބައެއް ކުޅިވަރަށް ހާއްސަކުރަން ތައްޔާރުވަމުން އަންނަ ކަމަށް ނާދިރު ވިދާޅުވި އެވެ. އެ ސަރަހައްދަކީ މަރަދޫ ފުޓްސަލް ދަނޑު ވެސް އޮތް ދިމާލެވެ.

"އެތަނުގައި ފުޓްބޯޅަ އާއި އެހެން ކުޅިވަރުތަކެއް ވެސް ކުޅެވޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތްކުރަމުން މި އަންނަނީ. އަދި އެތަން ރޭގަނޑު ބޭނުންކުރަން ލައިޓްތަކެއް ވެސް ޖަހާނެ." އޭނާ ވިދާޅުވި އެވެ.

ނާދިރު ވިދާޅުވީ ގޮތުގައި މިފަދަ ކަންކަން އަވަހަށް ކުރަން ބޭނުންވިޔަަސް ކައުންސިލްގެ ބަޖެޓްގެ ތާށިކަމާ ހުރެ މަސައްކަތްތައް ކުރިއަށް ގެންދަން އެންމެ ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުގެންދެވެ އެވެ.