Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ރިޒާވް ހުސްވެ، ރާއްޖެ އަށް ދަރަނި ނުދެއްކިދާނެ

މިހާރު ވެސް ބޮޑެތި ދަރަނިތަކެއް ދައްކަން އޮތް ރާއްޖެ އަށް އަންނަ އަހަރު ނިމޭ އިރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ މަޝްހޫރު އިންވެސްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ބުނެފި އެވެ.

މާޗް މަހުގެ ތެރޭގައި ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ގައުމުތަކުގެ އިގުތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެމެރިކާގެ ބޭންކުން އެކުލަވާލި ރިޕޯޓެއްގައިވާ ގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތައް ނަގާފައިވާ ގައުމުތަކުގެ ގާތްގަނޑަކަށް 10 ޕަސެންޓް ގައުމުތަކަށް ދަރަނީގެ މައްސަލަތައް މި އަހަރުގެ ތެރޭގައި ކުރިމަތިވާނެ އެވެ.

އަދި ރިޕޯޓްގައި އަލިއަޅުވާފައި އޮތް 52 ގައުމަށް ވެސް ދަރަނި ދެއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ފާހަގަކޮށްފައިވާ އިރު، އަންނަ އަހަރު ނިމޭ އިރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ދައްކަން ނުކުޅެދޭނެ އަށް ގައުމެއް ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ގައުމުތަކަށް ބަލާ އިރު ލިސްޓްގެ އެންމެ ކުރީގައި އޮތީ މިހާރު ވެސް އިގުތިސާދީ އަދި މާލީ ބޮޑު އަނދަވަޅެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އެވެ. ދެވަނައިގައި އޮތީ ރާއްޖެ އެވެ. ލިސްޓްގައި ދެން ހިމެނެނީ ބަހާމާސް އާއި ބެލީޒް އާއި ސެނެގާލާއި ރުވާންޑާ އާއި ރެނާޑާ އަދި އިއޯޕިއާ އެވެ.

ފިނޭންސް މިނިސްޓްރީން މާޗު މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން މާޗް މަސް ނިމުނު އިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަކީ 865.2 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ހާލަތަކާ މެދު ވޯލްޑް ބޭންކުން ވެސް މިދިޔަ މަހު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެކަމަކު ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ ރާއްޖެ އޮތީ ދަރަނިތައް ދެއްކޭ ފަދަ ހާލަތެއްގައި ކަމަށެވެ.