Last Updated: March 29, 17:30
Friday, March 29, 2024
ދުނިޔެ

ބުޝް އަވަހަރާކޮށްލަން ރޭވި މީހަކު އަތުލައިގެންފި

އިރާގަށް ޖެއްސި ހާލާ ހެދި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއުސް އަވަހާރަކޮލަން ރޭވި މީހަކު އެމެރިކާ އިން އަތުލައިގަތުމުން ދިގު މުއްދަތުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ހައްޔަރުކޮށްފައި އައިއެސްއާ ވެސް ގުޅުން އޮތް އަދި 2020 އިން ފެށިގެން އެމެރިކާގެ އޮހައިއޯގައި ދިރިއުޅެމުން އަންނަ ޝިހާބް އަހުމަދު ޝިހާބް ކިޔާ 52 އަހަރުގެ އިރާގު މީހެކެވެ.

އެފްބީއައި އިން ބުނެފައިވާ ގޮތުގައި އޭނާ ވަނީ ބުޝް އަވަހަރާކޮށްލަން ރާވައި އެކަމަށް މެކްސިކޯ އިން ހަތިޔާރު ވެސް އެތެރެކޮށްފަ އެވެ. އަދި މިކަމުގައި ޝިހާބަށް ވާގިދީފައި ވަނީ ގަތަރުގެ ޖަމާއަތެއް ކަމަށްވާ އަލް ރައެދު އެވެ. އަދި އޭނާ އަކީ އެ ޖަމާއަތާ ގުޅުން އޮތް މީހެއްކަން ވެސް މިހާތަނަށް އެނގިފައިވާ ކަމަށް އެފްބީއައި އިން ބުންޏެވެ.

ޝިހާބް ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ވަނީ ބުޝް އަވަހަރާކޮށްލަން ރޭވި ކަމަށް ބުނެފަ އެވެ. އަދި އެކަން ކުރަން އުޅުނީ އިރާގުގެ އެތައް ބަޔަކު ބުޝްގެ ވެރިކަމުގައި މަރާލައި، އެ ގައުމު ބައިބައިކޮށް ފަނާކޮށްލާފައިވާތީ އެވެ.

ޝިހާބް ދިން ބަޔާނުގައި ބުނެފައިވާ ގޮތުގައި އިރާގު ވީރާނާކޮށްލުމުގެ މޭސްތިރި އަކީ ބުޝް ކަމަށްވާތީ އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުން ބުޝް އަވަހަރާކޮށްލަން ރޭވި އަމިއްލަ އަށް ފުރާނަ ވެސް ދުއްވައިލުމަކީ ޝަރަފެއް ކަމަށް ދެކޭތީ އެވެ. އަދި އެކަން ކޮށްގެން އޭނާ ކިތަންމެ ބޮޑު އަނިޔާއަކާ ކުރިމަތިލާން ޖެހުނަސް ފަރުވާލެއް ނެތް ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ޝިހާބަށް މިހާރު ވަނީ 30 އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އެއީ ގަވައިދާ ހިލާފަށް ހަތިޔާރު އެތެރެކުރިކުރި މައްސަލާގައި 10 އަހަރުގެ ޖަލު ހުކުމަކާއި އެމެރިކާގެ ރައީސަކު އަވަހާރަކޮށްލަން ރޭވި މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމެކެވެ.