Last Updated: March 29, 10:07
Friday, March 29, 2024
ޚަބަރު

އާމްދަނީ ހޯދާނެ ގޮތެއް ނޭނގި މާލިއްޔާ ހުސްކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އާމްދަނީ ހޯދޭނެ ގޮތެއް ނޭނގި ސިޔާސީ ގިނަ މަގާމުތަކާ އެކު ދައުލަތުގެ މާލިއްޔާ އެއްކޮށް ހުސްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އަންނަ އަހަރު ނިމޭ އިރު ހުސްވެ، ދަރަނި ވެސް ދައްކަން ދަތިވާނެ ކަމަށް ބުނެ އެމެރިކާގެ ޖޭޕީ މޯގަން އިން އާންމުކުރި ރިޕޯޓަކާ ގުޅުވައިގެން ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަމުން މާލިއްޔާ ހުސްކޮށްފައިވާ ކަމަށެވެ.

"މިހާރު ރައީސް އިސްތިއުފާ ދެއްވަން ވެސް ލަދުފުޅުން ހުންނެވި ކަހަލަ." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދު މެނޭޖްކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގެ ވާހަކަތައް މިހާރު އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. އެގޮތުން ދާދި ފަހުން ވޯލްޑް ބޭންކުން ވެސް މިކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އިއްޔެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަދަން މަނިކު ކުރެއްވި ޓްވީޓެއްގައި ވެސް ރާއްޖޭގެ އިގުތިސާދު މެނޭޖްކުރަން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ މިހާރު އަވައްޓެރި ސްރީ ލަންކާ އަށް ދިމާވެފައިވާ ފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ވިދާޅުވި އެވެ.

ޖޭޕީ މޯގަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އަންނަ އަހަރު ނިމޭ އިރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ދައްކަން ނުކުޅެދޭނެ އަށް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެ ލިސްޓްގައި ދެން ހިމެނެނީ ލަންކާ އާއި ބަހާމާސް އާއި ބެލީޒް އާއި ސެނެގާލާއި ރުވާންޑާ އާއި ރެނާޑާ އަދި އިއޯޕިއާ އެވެ.