މަޖިލީހުގެ މި ދައުރަށް ސަރުކާރުން ހަތް ބިލެއް ފޮނުވާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިކަން ހާމަކުރީ އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި މި އަހަރުގެ ދެވަނަ ދައުރަށް 22 ބިލެއް ސަރުކާރުން ހުށަހަޅާ ގޮތަށް އޮތަސް ފޮނުވީ އެންމެ ދެ ބިލް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ބުނީ ހަތް ބިލެއް ހުށަހެޅި އިރު، "ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް" އާއި "ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް" އަށް ބަހުސް ކުރުމަށް ޓޯކިން ޕޮއިންޓް ހޯދުމަށް ވެސް މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.
ސަރުކާރުން ހުށަހެޅި ހަތް ބިލުގެ ތެރޭގައި ހިމެނެނީ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދައުލަތުގެ މާލީއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކުނި ނައްތާލުމާއި މެނޭޖް ކުރުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.