Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ހިތަދޫގައި ބާއްވާ ޓީޓީ މުބާރާތަކަށް ހުޅުވާލައިފި

ހިތަދޫ ކޮމިއުނިޓީ ސެންޓަރު (އެޗްސީސީ) އިން އިންތިޒާމުކޮށްގެން އަންނަ މަހު ފަށާ ޓީޓީ މުބާރާތެއްގައި ބައިވެރިވާން އާންމުކޮށް ހުޅުވާލައިފި އެވެ.

އަންނަމަހުގެ 15 ގައި ފަށަން ހަމަޖެހިފައިވާ މުބާރާތުގެ ރަޖިސްޓްރޭޝަން އިއްޔެ ފަށާފައިވާ އިރު، ރަޖިސްޓްރޭޝަން ކުރިއަށްދާނީ އަންނަ މަހުގެ 13 އާ ހަމައަށެވެ. މުބާރާތުގައި ބައިވެރިވާން އެއްވެސް ފީއެއް ވެސް ދައްކާކަށް ނުޖެހެ އެވެ.

"ޓޭބަލް ޓެނިސް ޓޯނަމަންޓް 2022" ގެ ނަމުގައި ބާއްވާ މުބާރާތުގައި ދެ ޖިންސްގެ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި މިއީ އެޗްސީސީން އިންތިޒާމުކުރާ މުބާރާތަކަށް ވިޔަސް، ބައިވެރިވާން ބޭނުންވާ އައްޑޫގެ ކޮންމެ އަވަށެއްގެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

މުބާރާތުގެ ޗެމްޕިއަނަށް 3،500ރ. ހުށަހަޅާފައިވާ އިރު، ރަނަ-އަޕް އަށް 1،500ރ. ގެ އިނާމެއް ލިބޭނެ އެވެ.

މި މުބާރާތާ ބެހޭ ގޮތުން އެޗްސީސީގެ ސްޕޯޓްސް ސުޕަވައިޒަރު ޝައްމޫން ލަބީބް "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ މި މުބާރާތަކީ އައްޑޫގައި ޓީޓީ މަޑުޖެހިފައި އޮންނަތާ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް ޓީޓީ އަށް ޝައުގުވެރިކަންދޭ މީހުން އިތުރުވަމުން އަންނާތީ ޓީޓީގެ ފޯރި އާއި އެ ކުޅިވަރަށް ލޯބިކުރާ މީހުން އަލުން އެ ކުޅިވަރުގެ ތެރެއަށް ނެރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ.

"އެހެންވީމަ ވަރަށް އޯޕަންކޮށް ހުޅުވާލެވިފައި އޮތީ. އިންޓަރެސްޓް ހުރި ކޮންމެ މީހަކު ވެސް ހަމަ ބައިވެރިވާންވީ. ވަކި އުމުރެއް ޖިންސެއް މީގައި ބެލުމެއް ނެތް." އޭނާ ވިދާޅުވި އެވެ.

ޝައްމޫން ވިދާޅުވި ގޮތުގައި އެޗްސީސީން މުބާރާތަށް ބާއްވަން ތައްޔާރުވާ އިރު ޓީޓީ އެސޯސިއޭޝަނުން ވެސް ވަރަށް އަވަހަށް އައްޑޫގައި ޓީޓީއާ ގުޅުން ހުރި ތަފާތު ޕްރޮގްރާމްތަކެއް ފަށާނެ އެވެ. އެހެންވެ މި ފަހަރުގެ މި މުބާރާތަކީ ޓީޓީގެ ފޯރި ގަދަކޮށް، އެސޯސިއޭޝަނުން ވެސް ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ޓީޓީ އަށް ލޯބިކުރާ މީހުން ހިފަން ހުޅުވޭ ދޮރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"ހާއްސަކޮށް ސްކޫލް ދަރިވަރުންނާއި ޒުވާނުން މީގެ ބޭނުން ހިފުމަކީ ޓީޓީގެ ކުރިމަގު އައްޑޫގައި އުޖާލާ ވެސް ކޮށްދޭނެ ކަމެއް." ޝައްމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ޓީޓީ އާއި އެ ނޫން ވެސް އެކިއެކި ކުޅިވަރު މުބާރާތްތައް އެޗްސީސީން ބޭއްވުން ކަމަށެވެ.