ރާއްޖޭން ބޭރުގައި ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ފުރުސަތު ލިބިފައިވާތީ އެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މި އަހަރުގެ ސެޕްޓެމްބަރު 10-21 އަށް ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ "42 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާން" މުބާރާތުގެ ހަތަރު ގޮތްޕެއްގައި ބައިވެރިވާން ރާއްޖެ އަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.
ރާއްޖެ އަށް ފުރުސަތު ލިބުނު 4 ގޮފި:
* ޤުރްއާން އެއްކޮށް ޙިފްޒުކޮށްފައިވުމާ އެކު، ރިވާޔަތާއި ދިރާޔަތާއެކު ޝާޠިބިއްޔާ އާއި ތައިސީރުގެ މަގުން ތަވާތުރުވެގެންވާ 7 ޤިރާއަތަށް ކީރިތިޤުރްއާން ތަޖުވީދުގެ މަގުން ކިޔަވަން އެނގުން.
* މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއެކު ޤުރްއާނުގެ މުފްރަދާތުތަކުގެ ތަފުސީރު އެނގުން.
* މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއެކު ކީރިތިޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުން.
* ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައިވުމާ އެކު ތަޖުވީދުމަގުން ކިޔެވުމުގެ ގޮފި.
މި ހަތަރު ގޮފިން މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައި ވަނީ 25 އަހަރުން ދަށުގެ ފިރިހެނުންނަށެވެ. އެކަމަކު 30 އަހަރު ނުފުރޭ މީހުންނަށް ފުރަތަމަ ގޮފީގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
މުބާރާތުގައި ބައިވެރިވާން އެދި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 12 އެވެ.