Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ކުޑަގިރީގައި ކަރަންޓް ނެޓްވޯކް އަޅަން ފަށައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި ކަރަންޓް ނެޓްވޯކް އެޅުމުގެ މަސައްކަތް ސްޓެލްކޯ އިން މިއަދު ފަށައިފި އެވެ.

ސްޓެލްކޯ އިން ބުނީ ކުޑަގިރީގެ ކަރަންޓު ނެޓްވޯކް ގާއިމުކުރުމަށްޓަކައި ޖުމްލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަމާޒަކީ ކުޑަގިރީގެ ކަރަންޓު ނެޓްވޯކް އެޅުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް 15 ދުވަހުގެ ތެރޭގައި ނިންމާލުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޕިކްނިކް އައިލޭންޑުގެ އިތުރުން އެރަށް ކައިރިން ފިނޮޅެއްވެސް ހަދާނެ އެވެ. އެއީ 1.5 ހެކްޓަރުގެ ރަށެކެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެ ސަރަހައްދުގައި ރަށެއް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.