މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެގޮތުން ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށާއި އަދި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މީގެ އިތުރުން ޒީނަތްތެރިކަމުގެ ގޮތުން ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
"މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ދެއްވުން އެދި ދަންނަވަމެވެ" އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
މަހާނަތައް ޒީނަތްތެރިކުރާތީ ޝައިހް އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މަހާނަތައް ފައިވް ސްޓާއަށް ޒީނަތްތެރިކުރުމަކުން މައްޔިތާއަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއު މައްޔިތާ އަށް ފައިދާ ވާނީ ހެޔޮ ދުޢާކުރީމައި ކަމަށެވެ.
"އަދި އޭނާގެ ނަމުގައި ޞަދަޤާތް ދީ ހަދަންވީ! ރޯދަ ނުހިފި ހުރިނަމަ ވާރުތަވެރިން އެ ރޯދަތައް ހިފާނީ! މިއީ ފައިދާވާނެ ކަންކަމަކީ." ޒައިދު ވިދާޅުވި އެވެ.
މަހާނަތައް 5 ސްޓާއަށް ޒީނަތްތެރި ކުރުމަކުން މައްޔިތާއަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ! މައްޔިތާ އަށް ފައިދާ ވާނީ ހެޔޮ ދުޢާކުރީމައި! އަދި އޭނާގެ ނަމުގައި ޞަދަޤާތް ދީ ހަދަންވީ! ރޯދަ ނުހިފި ހުރިނަމަ ވާރުތަވެރިން އެ ރޯދަތައް ހިފާނީ! މިއީ ފައިދާވާނެ ކަންކަމަކީ.
— Ali Zaid (@alizaid1000) May 25, 2022
އޭނަ ވިދާޅުވީ މާލޭގެ އާސަހަރާގައި މަހާނަތައް ޒީނަތްތެރިކުރަން މިހާރު ކުރާ ކަންކަމަކީ ދީނުގައި ޙަރާމް ކަމެއް ކަމަށެވެ.
"ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޤަބުރުމަތީ ބިނާ ކުރުމާ، އެ ތަނަކީ އިށީންނަ އައްޑާ އެއްކަމުގައި ހެދުމާ މިގޮތަށް ޒީނަތްތެރި ކުރުން މަނާ ކުރައްވާފައި! މިކަން ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން!" ޒައިދު ވިދާޅުވި އެވެ.