Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހައްޖަށް ދާން އާންމުންނަށް 100 ކޯޓާ އަށް ހުޅުވާލައިފި

މި އަހަރު ރާއްޖޭން ހައްޖަށް ގެންދަން ލިބުނު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދީފައިވާ އިރު، އެ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލި 100 ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައަޅާނީ ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ. އެގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނެގޭނެ އެވެ. އަދި ވެއިޓިން ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެ އެވެ.

ފުރަތަމަ 100 ޖާގަ އަށް ނެގޭ މީހުންގެ ތެރެއިން މީހަކަށް އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެ ނަމަ ވެއިޓިން ކިއޫ ތަރުތީބުން ޖާގަ ދޭނެ އެވެ. އަދި ގުރުއަތުން ހޮވޭ މީހެއްގެ ޖާގަ އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ފައިސާ ދައްކަން ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ މީހެއްގެ ޖާގަ ވެސް ގެއްލޭނެ ކަމަށެވެ.

އާންމުކޮށް ހުޅުވައިލި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76،960ރ. އެވެ. މި ކޯޓާގައި ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ގިނަވަގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ 100 ކޯޓާ އަށް ކުރިމަތިލެވޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، މި އަހަރުގެ ޖޫން 15 އަށް 65 އަހަރުވެފައި ނުވާ އަދި ކޮވިޑްގެ ދެ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ.

މި ކޯޓާގެ ދަށުން ހައްޖަށް ދާން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 2 ގެ ކުރިންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ނަމްބަރުން 3011000 ހޯދޭނެ އެވެ.

މި އަހަރު ރާއްޖެ އަށް މީހުން ހައްޖަށް ގެންދަން ލިބުނީ 453 ކޯޓާ އެވެ.