ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ޓްވީޓެއް ކުރައްވާފައިވާ ކަމަށް ބުނެ ބަންޑާރަ ނައިބް އޮފީހުން ދައުވާ ކުރާނެ ޖާގައެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އިން ކަނޑައަޅައިފި އެވެ.
ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބްކަން ކުރެއްވި ސުއޫދު ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރެއްވި ޓްވީޓަކާއި ގުޅިގެން އޭނާއަށް ކޯޓުގައި ވަކާލާތު ކުރުމަށް ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އަދި އެމައްސަލަ ސްޕްރީމް ކޯޓުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
ސުއޫދުގެ މައްސަލަ އާއި ގުޅިގެން ޕީޖީން ބުނީ ސޫއޫދުގެ މައްޗަށް ދައުވާ ކުރެވޭނެ ޖާގައެއް މިހާތަނަށް ބެލި ބެލުމުން ފާހަނގަ ވެފައިނުވާ ކަމަށެވެ. އެހެންވެ ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
ސުއޫދު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ނުކުރެވޭއިރު ކޯޓުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންވެސް އަނބުރާ ގެންދަން ޖެހޭކަމަށް ގަބޫލް ކުރައްވާކަމަށެވެ.