Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

އިސްލާމް ދީން ގެވެށިއަނިޔާ އަށް ޖާގައެއް ނުދޭ

މާތް ﷲ ވަނީ އެ އިލާހުގެ ޒާތުފުޅަށް ވެސް އަނިޔާވެރިކަން ޙަރާމް ކުރައްވައިފަ އެވެ. ޤުދުސީ ޙަދީޘްފުޅެއްގެ މާނައިގައިވެ އެވެ. "އޭ ތިމަން އިލާހު އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން އިލާހުގެ ޒާތުފުޅުގެ މައްޗަށް އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. އަދި ތިޔަބައި މީހުންގެ މެދުގައި ވެސް އެއީ ޙަރާމް ކަމެއް ކަމުގައި ކަނޑައަޅުއްވައިފީމެވެ. ފަހެ، ތިޔަބައި މީހުން އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާ ހުށިކަމެވެ." (صحيح مسلم: 2577)

އިސްލާމް ދީނުގައި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނެތް ކަން ޤުދުސިއްޔަ މި ޙަދީޘްފުޅުން އެކަނި ވެސް ހާމަވެގެން ދެ އެވެ.

އާދެ، ގެވެށި އަނިޔާ އަކީ މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޢާންމު ވެފައިވާ އިޖުތިމާޢީ ބަލިމަޑު ކަމެކެވެ. އިންސާނީ ޠަބީޢަތް ނިޔާ ކުރާ ގޮތުން ގިނަ ފަހަރަށް މިފަދަ އަނިޔާގެ އަމާޒު ފަތްގަނޑަކަށް ވެގެން ދަނީ އަންހެނުންނެވެ. މިއީ އަވަސް ފަރުވާއެއް ބޭނުން ވެފައިވާ އިޖުތިމާޢީ ފާރުގަނޑެއް ކަން ކަށަވަރެވެ.

ކީރިތި ޤުރުއާނަށް ނަޒަރު ހިންގައިލާއިރު ފެނިގެން ދަނީ އެކަނބަލުންނާއެކު ހެޔޮ ގޮތުގައި އުޅުމަށް އަމުރު ކުރައްވާފައިވާ އިލާހީ އަމުރުފުޅެވެ. އަދި ނުއުޅެވި ވަކިވާން ޖެހިއްޖެނަމަ، ހެޔޮ ގޮތުގައި ވަކިވުމަށް ކުރައްވާފައިވާ އަމުރުފުޅެވެ. މިއީ ޤުރުއާނުގެ ސީދާ ނައްޞުތަކުން ފެންނަން އޮތް ޙަޤީޤަތެކެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ގެ ގިނަގުނަ އިރުޝާދުފުޅުތަކާއި ވަޞިއްޔަތްޕުޅުތަކުގައި ވެސް އެކަލޭގެފާނު ވަނީ އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވާފައެވެ. ޙައްޖަތުލް ވަދާޢުގައި " ތިޔަބައިމީހުންގެ އަނބިންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ވަޞިއްޔަތް ކުރައްވަމޭ" ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

އެކަލޭގެފާނުގެ އެންމެ ފަހު ނޭވާފުޅުގައި ކުރެއްވި ވަޞިއްޔަތުގައި ވެސް އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވިއެވެ. މީގެ އިތުރުން، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުންނަށް (އެބަހީ އަނބިދަރިންނަށް) ހެޔޮ މީހާ ކަމަށް ވެސް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ.

ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި މިހައި ވަރަށް އަންހެނުންނަށް އޯގާތެރިވުމަށް އަންގަވައި އަމުރުކުރައްވާފައި ވީހިނދު އެ އަމުރުފުޅުތަކާ ދެކޮޅަށް ފުރިހަމަ މުއުމިނަކު ޢަމަލެއް ނުކުރާނެކަން ޔަޤީނެވެ. އެފަދައިން މީހެއްގެ ފަރާތުން އެ ކަންކަން ފެންނަނަމަ އެއިން އެނގިގެން ދަނީ ދީނާ އެމީހަކު ދުރުވެފައިވާ މިންވަރެވެ. މާތް ﷲ އަށް ބިރުވެތިވުމެއް ނެތް މިންވަރެވެ. އެމީހެއްގެ ހިތުގައި އިންސާނިއްޔަވަންތަކަން ވެސް ގެއްލިފައިވާ ކަމެވެ.

ދެމަފިރިއެއްގެ ދެމެދުގައި ގޮށްޖެހިގެންދާ ޒަވާޖީ ޙަޔާތުގެ ގުޅުމެއްގެ އަސާސަކަށް ވާން ޖެހޭނީ ލޯތްބާއި ކުލުނާއި އަޅާލުމާއި ހަމްދަރުދީ އާއި ރަޙުމާއި އޯގާތެރިކަމެވެ. އެއީ އަނިޔާވެރިކަމާއި ގޯނާއާއި ފުރައްސާރައާއި ނަފްރަތުގެ މައްޗަށް ބިނާވާން ޖެހޭ ގުޅުމެއް ނޫނެވެ.

ގެވެށި އަނިޔާއިން ސަލާމަތްވެފައިވާ ރަނގަޅު މުޖުތަމަޢެއް ބޭނުން ނަމަ، އަޅުގަނޑުމެންނަށް އޮތީ މާތް ﷲ ބިރުވެތިވެ، އެ އިލާހުގެ ދީނުގައި ވާ އަމުރުފުޅުތަކާއި އިރުޝާދުފުޅުތަކަށް ޙުރުމަތްތެރިކޮށް ހިތައި އެކަންކަމަށް ކިޔަމަންގަތުމެވެ.

ނޯޓް: މިއީ ޝައިހް ޝަފީއު އަބްދުﷲ ގެ ލިޔުމެކެވެ.