Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"އިންޑިއާ އައުޓް" އާ ދެކޮޅަށް "ބާކީނުވޭ"

ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން "ބާކީނުވޭ" ގެ ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭން އިއްޔެ ފަށައި ސޯޝަލް މީޑިއާގައި މިހާރު އަންނަނީ #ބާކީނުވޭ ދައުރުކުރަމުންނެވެ. މި ކެމްޕޭނާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެ މަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވިދާޅުވީ ސިޔާސީވެރިންގެ ސިޔާސީ ބޭނުމަކަށްޓަކައި ދިވެހިން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރުމަށް ސިޔާސީ ވެރިން ވިސްނަން ވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އާ ދެކޮޅަށް އެމްޑީޕީން "ބާކީނުވޭ" ގެ ނަމުގައި ކެމްޕޭނެއް ފެށި އިރު، އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރަކުން މިދިޔަ މަހުގެ 21 ގައި ކަނޑައަޅާފައިވެ އެވެ.

އެ ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންް ބާލަން ގޮވާލައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ. ޕީޕީއެމުން މިހާރު ވަނީ ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ގައުމީ ސަލާމަތަށް ނުރައްކަވާ ކަމެއް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ފޮނުވައިފަ އެވެ.