Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 60 ލާރި ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ އެގޮތަށް ނިންމީ މި މަހުގެ 18 ގައި ބޭއްވި ބޯޑް ބައްދަލުވުމުގައި ކަމަށެވެ. އެކަމަކު ހިއްސާއަކަށް 60 ލާރި ބަހާނީ އަހަރީ އާންމު ޖަލްސާ އަށް އެކަން ހުށަހަޅައި ފާސްކޮށްގެންނެވެ. އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އެމްޓީޑީސީން އަދި އިއުލާނެއް ނުކުރެ އެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 60 ލާރި ބަހަން ބޯޑުން ނިންމި އިރު، އޭގެ ކުރީ އަހަރު ހިއްސާއަކަށް ބެހީ 50 ލާރި އެވެ. އަދި އޭގެ ކުރީ އަހަރު ހިއްސާއަކަށް ބެހީ 70 ލާރި އެވެ.

އެމްޓީޑީސީން 11 އަހަރަށް ފަހު ހިއްސާ ބަހަން ފެށީ 2019 ގަ އެވެ. އެ ކުންފުނި ވުޖޫދަށް އައީ އައްޑޫގައި އެންމެ ފުރަތަމަ ހުޅުވަން މަސައްކަތްކުރި ރިސޯޓް ކަމަށްވާ ކެނަރީފް (ހެރަތަރަ) އާ އެކީގަ އެވެ. އެމްޓީޑީސީން އެންމެ ފުރަތަމަ ތަރައްގީކުރި އެ ރިސޯޓް ހުޅުވީ 2007 ގަ އެވެ.

އެ ކުންފުނީގެ ރައުސުލްމާލު މިހާރު 100 މިލިއަން ޑޮލަރަށް އަރާ ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ.