Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މެލޭޝިއާ އާއި ސިންގަޕޫރުން މުދާ ގެންނަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން މެލޭޝިއާ އާއި ސިންގަޕޫރުން ވެސް ރާއްޖެ އަށް މުދާ ގެންނަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގާ ގައުމީ ޝިޕިން ކުންފުނިން ބުނީ އަންނަ ޖުލައި މަހުގެ ތެރޭގައި ގެންނަ އާ ބޯޓު "ގްރެޕީން" ގެ ދަތުރުތަކާ އެކު ސިންގަޕޫރާއި މެލޭޝިއާ އިން މުދާ ގެންނަން ފަށާނެ ކަމަށެވެ. އެހެންވެ މިއާ އެކީ ޗައިނާ، ތައިލެންޑް، އިންޑޮނޭޝިއާ އިން މުދާ ގެންނަ ވިޔަފާވެރިންނަށް ސްރީ ލަންކާއަށް ގެންދިއުމުގެ ބަދަލުގައި ސިންގަޕޫރާއި މެލޭޝިއާގެ ޕޯޓުން މުދާ ގެނެވޭނެ އެވެ.

އެމްއެސްއެސް އިން ބުނީ މި ދަތުރުތައް ފެށުމާ އެކު ވިޔަފާވެރިންނަށް މުދާ ގެންނަން ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދާނެ ކަމަށެވެ. އެ ކުންފުނިން މިހާރު ދަތުރުތައް ކުރަނީ ކޮލަމްބޯއާ ދެމެދު އެވެ. އެމްއެސްއެސް އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ޓުޓިކޮރިން އާއި އައްޑުއާ ދެމެދު ބާއްވަމުން އައި ކާގޯ ދަތުރުތައް މި މަހުގެ ތެރޭގައި ހުއްޓާލައިފަ އެވެ.

އެ ކުންފުނިން ބުނީ އެ ދަތުރުތައް ހުއްޓާލީ އެކަމަށް ބޭނުންކުރި ބޯޓް "އެމްވީ ބޮންތި 2" ވަރަށް ބޮޑަށް ބާވެގެން ކަމަށެވެ. އެހެންވެ އަލުން ދަތުރުތައް ފަށާ އިރު ވިސްނުމަކީ އާ ބޯޓެއް ބޭނުންކުރުން ކަމަށް ބުންޏެވެ.

އެމްއެސްއެސް އުފެއްދީ 2020 ގަ އެވެ.