ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އ.އ އުކުޅަހަށް ވަޑައިގެން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުންބަދަހިކުރުމުގެ ގޮތުން މިއަދު ހަވީރު އެރަށުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލް ފަށްޓަވައިދެއްވައިފި އެވެ.
އެ ފެސްޓިވަލްގައި ކުރިޔަށްދިޔަ ކުޅިވަރުތަކުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އުކުޅަހު ތުނޑީ ސަރަޙައްދުގައި ކުރިޔަށް ގެންދިޔަ މި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ބީޗްވޮލީ، ވާދެމުން، ޕެނަލްޓީ ޖެހުންފަދަ ކުޅިވަރު ހަރަކާތްތައް ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ.
ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ބޭއްވޭ ކޮންފަރެންސްއެވެ.
މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.