Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

"ބާކީނުވޭ" ކެމްޕޭނަށް ތާއީދެއް ނެތް: ޔާމީން

އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަށް ގައުމުގެ ފޯކަސް ހުއްޓިފައިވާ ކަމަށާއި އެ ކެމްޕޭނާ ދެކޮޅަށް މިހާރު އެމްޑީޕީން ފަށައިގެން އުޅޭ "ބާކީނުވޭ" ކެމްޕޭނަށް ތާއީދެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި ޕީއެންސީން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި އިސްކޮށް ހުންނެވި ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން ފެށުމުގެ ކުރިން ވެސް އެ އޮތީ ހުއްޓިފައި ކަމަށެވެ.

"އެ ކެމްޕޭނަށް އެއްވެސް ތާއީދެއް ނެތްކަން ސާފުވެއްޖެ." ޔާމީން ވިދާޅުވި އެވެ.

"ބާކީނުވޭ" ގެ ނަމުގައި އެމްޑީޕީން ސޯޝަލް މީޑިއާގައި ފެށި ކެމްޕޭނާ އެކު މިހާރު އަންނަނީ ހޭޝްޓެގާ އެކު އެ ދައުރުކުރަމުންނެވެ. މި ކެމްޕޭނާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ސިޔާސީވެރިންގެ ސިޔާސީ ބޭނުމަކަށްޓަކައި ދިވެހިން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރުމަށް ސިޔާސީ ވެރިން ވިސްނަން ވާނެ ކަމަށެވެ.

"އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިތުވަނީ އެކަމުގައި ބައިވެރިވާ މީހުން މަދުކަމުން. #ބާކީނުވޭ." ނަޝީދު ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" އާ ދެކޮޅަށް އެމްޑީޕީން "ބާކީނުވޭ" ގެ ނަމުގައި ކެމްޕޭނެއް ފެށި އިރު، އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރަކުން މިދިޔަ މަހުގެ 21 ގައި ކަނޑައަޅާފައިވެ އެވެ.

އެ ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންް ބާލަން ގޮވާލައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ. ޕީޕީއެމުން މިހާރު ވަނީ ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ގައުމީ ސަލާމަތަށް ނުރައްކަވާ ކަމެއް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ފޮނުވައިފަ އެވެ.