މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ ފަހަތުގައި ސިޔާސީ ނިޔަތް ޝާމިލުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ އއ. އުކުޅަހުގައި ބާއްވާ "ވިޔަވަތި" ކޮންފަރެންސް ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ކަމެއްވެސް ނިސްބަތްވަނީ ދޭދޭ ފަރުދީ ނުވަތަ އާއިލީ ނޫނީ އިޖްތިމާއީ އަދި ޤައުމީ ވެށީގެ ތެރޭގައި ކަމަށެވެ. މީގެ ތެރެއިން އެންމެ ފުޅާވެއްޓަކީ ޤައުމީ ވެށި ކަމަށާއި މައްސަލަތަކަށް ބަލާއިރު ރާއްޖޭގައި ވަރަށް ބޮޑު ޤައުމީ ދެ މައްސަލަ އެބައޮތް ކަމަށެވެ.
އެއީ މަސްތުވާ ތަކެއްޗާ ގޭންގް ކުށްތަށްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ މިކަމުގެ އެންމެ ފުނުގައިވަނީ އިންތިޒާމްވެ ރޭވިގެން ހިންގާ ކަންކަން ކަމަށެވެ.
"އޭގެ ފަހަތުގައި ސިޔާސީ ނިޔަތާ، މާލީނަފާގެ ސަބަބުތައް ޝާމިލްވޭ. މިއީ ގޮންޖެހުން ބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް. މިކޮންފަރެންސްގައި މިކަމާ ގުޅޭގޮތުން، ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު. އެއީ، މީގެ ޙައްލު ހޯދުމުގެ މަގު ކުރުވެ، ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖެއަށް ދެން އޮތް ބޮޑު އަނެއް މައްސަލައަކީ މޫސުމީ ބަދަލުތައް ކަމަށާއި ރަށްގިރުމާ، ފެންބޮޑުވުމާ އުދައެރުމަކީ ކޮންމެ މީހަކު ދިރިއުޅޭ ރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ތިމާވެއްޓަށް ލިބޭ ގެއްލުމާ ކުރާ ނޭދެވޭ އަސަރަކީ، ހިންގޭ ތަރައްޤީގެ ކޮންމެ މަޝްރޫޢަކާ ގުޅިފައިވާ ކަމެއް ކަމަށާއި، ތަރައްޤީގެ ބޭނުމުގާ ކުރާކަމަކީ ތަރައްޤީއަށް އޮތް ހުރަހަކަށް ވިޔަދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
"ތިޔަބޭފުޅުންގެ މަޝްވަރާއާ ޚިޔާލު ފުޅުތަކުގެ ތެރޭން ފޭދިގެން އަޅުގަނޑާ ހަމައަށް އަންނާނީ ރައްޔިތުން އެދޭ ގޮތް. އަޅުގަނޑު މިމަޤާމުގައި މިހުރީ ރައްޔިތުންގެ އެދުމާ އުންމީދާ އެއްގޮތަށް އެރައްޔިތުންގެ ކަންކަން ނިންމުން ނޫން އެހެން އެއްވެސް ބޭނުމަކު ނޫން." ރައީސް ސޯލިހް ވިދާޅުވިއެވެ.
"ވިއަވަތި" ކޮންފަރެންސަކީ މިމަހުގެ 28-29 ގައި ކުރިޔަށްގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ސޯލިހް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.