Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު ލާމަރުކަޒީ

ލާމަރުކަޒީ ނިޒާމަކީ މާލެއަށް އޮތް ބުރައިގެ ލުއި: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމަކީ، މާލެއަށް އޮތް ހުރިހާ ބުރައަކަށް ދެވެން އޮތް އެންމެ ބޮޑު ލުއި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ އއ. އުކުޅަހުގައި ބާއްވާ "ވިޔަވަތި" ކޮންފަރެންސް ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ހުރިހާ ސިޔާސަތުތަކާ އަމާޒު ގޮސްނިމޭ ވަކި ހާއްސަ ދިމާއެއްވާ ކަމަށާއި އެއީ، "މާނަވީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރު" ކަމަށެވެ. މިސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައިކަން ފާހަގަކޮށް ރައީސް ސޯލިހް ވަނީ އެކަންކަން ފާހަގަކުރައްވާފައެވެ.

"ނިމިދިޔަ އެއް އަހަރުގެ ތަޖްރިބާ ތަފާތު. ކައުންސިލްތަކަށް ވެސް އަދި ސަރުކާރަށް ވެސް ފާހަގަވި އާ ކަންކަމާ، ކުރެވުނު އިތުރު ތަޖްރިބާ އެބަހުރި. ތިޔަބޭފުޅުން އުކުޅަހަށް ވަޑައިގެން ތިޔަތިއްބެވީ، ފޮށިތަންމައްޗަށްވުރެ މާބަރު އެހެން އެއްޗަކައިގެން. އެއީ، އެއް އަހަރުން ފެންމަތިވި ހުރިހާ މައްސަލަ ތަކާ ފާހަގަވި ގޮންޖެހުންތަކުގެ ތަޖްރިބާ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި 77 ކައުންސިލާއެކު ބައްދަލުވުން ބޭއްވި ކަމަށާއި، ކައުންސިލްތަކުގެ ގޮންޖެހުންތައް އަޑުއަހާ މަޝްވަރާ އާ ޚިޔާލް ބަދަލު ކުރި ކަމަށެވެ. އެ ބައްދަލުވުންތަކުގައި ފާހަގަކުރެވުނު ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާއިރު ސަރުކާރުން އިސްލާހް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށްވެސް ރައިސް ވިދާޅުވިއެވެ. އަދި ހަމައެގޮތަށް ކައުންސިލް ތަކުން އިސްލާހު ކުރަންޖެހޭ ކަންކަންވެސް އެބަހުރި ކަމަށާއި، މިކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ، ސަރުކާރާ ކައުންސިލްތަށް އެއްމޭޒުވެގެން މަޝްވަރާކޮށް، ޙައްލު ހޯދޭނެ ގޮތެއް ހޯދުން ކަމަށެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ، މާލެއަށް އޮތް ހުރިހާ ބުރައަކަށް ދެވެން އޮތް އެންމެ ބޮޑު ލުއި ކަމަށެވެ.

"ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއް ލާމަރުކަޒީ ނިޒާމާ ގުޅުވާލާފާ އެވަނީ ދެ ބޭނުމަކު. ފުރަތަމަ ބޭނުމަކީ، ދެންމެ މިދެންނެވި ގޮތަށް، އުކުޅަހާ ރަސްދޫ އަދި ތޮއްޑުއާ މުޅިރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ، ތަނަވަސްވާނެ ގޮތެއް ހޯދުން. ދެވަނަ ބޭނުމަކީ، މާލެއަށް އޮތް ހުރިހާ ބުރައަކަށް، ދެވެން އޮތް އެންމެ ބޮޑު ލުޔެއްދީ، ހަމަނޭވާލެވޭ، ހިތްފަސޭހަ ތަނަކަށް މާލެ ހެދުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގާ ތަރައްގީގެ މަޝްރޫތަކަކީ ބާރުވެ ތާށިވެފައިއޮތްއޮތުމަށް ދޫޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް ކަމަށެވެ. މުޅި ރާއްޖެ ލާމަރުކަޒު ވާއިރު، މާލެއަށް މިގެނެވެނީ އެއާ ގުޅޭ އިޖްތިމާއީ ދުޅަހެޔޮ ކަމާ އިޤްތިސާދީ ވެށި ތަނަވަސް ކުރުމުގެ ބަދަލު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.