"އިންޑިއާ އައުޓް" ބެނާ ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހުކުމް ކުރުމަށް ތާވަލުކޮށްފިއެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބެނާ ނެގުމަށް ފުލުހުން ކްރިމިނަލް ކޯޓުން އަމުރެއް ހޯދައި އެ ގެއަށްވަދެ އެ ބެނާނަގާފައިވާއިރު، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ކްރިމިނަލް ކޯޓުން ދިން އަމުރެވެ.
އެ މައްސަލައިގައި ހައިކޯޓުގައި ދެ އަޑުއެހުމެއް ބާއްވާފައިވާ މިހާރު ވަނީ އަޑުއެހުންތައް ނިންމާލާފައެވެ. އެ މައްސަލައިގެ ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހު މެންދުރު 03:00 ގައެވެ.
މިމައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.
ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއްވެސް ނެރެފައިވެއެވެ.
އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.