އަތޮޅު ފިހާރަތަކުގެ ކުލި އެ އަތޮޅެއްގެ ކައުންސިލްގެ ބަޖެޓަށް ޖަމާކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
މިހާރު ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ ކުރިން ދެބައިކުޅަ އެއްބައި ކައުންސިލްތަކަށް ޖަމާކުރަމުން އައިނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ހުރިހާ ފައިސާއެއް ކައުންސިލަށް ލިބޭނެ ކަމަށެވެ.
ރައީސް ސޯލިހްގެ މި ނިންމެވުމާއެކު އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 34 މިލިއަން ރުފިޔާ ލިބޭނެއެވެ.
މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2014 އިން ފެށިގެން އަތޮޅު ފިހާރަތަކުގެ ކުލި ޖަމާކޮށް ނުދޭ ކަމަށާއި އެ ކުލި ދޭން ފެށީ މިސަރުކާރުން ކަމަށެވެ.
މީގެއިތުރުން މި ކޮންފަރެންސްގައި ކައުންސިލްތަކުން ވަނީ ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް 5 ޕަސެންޓް ލިބޭގޮތަށް ހަމަޖައްސާފައި އޮތްއޮތުން ބަދަލުކޮށް އެ އަަދަދު 8 ޕަސެންޓަށް ބޮޑު ކޮށްދިނުމަށް އެދިފައެވެ. އަދި އެ ރަށަކުން ނެގޭ ގްރީން ޓެކްސްގެ 50 ޕަސެންޓް އެ ރަށެއްގެ ކައުންސިލަށް ޖަމާކޮށްދިނުމަށްވެސް ހުށަހަޅާފައިވެއެވެ.