ރާއްޖޭގައި މިހާރު ގޭންގުތަކުގެ ދައުރު ބޮޑުވަމުންދާ އިރު މީގެ ނުރައްކާ އެންމެ ބޮޑީ ވެރިރަށް މާލެ އާއި ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.
އއ. އުކުޅަހުގައި މިއަދު ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ރާއްޖޭގެ ކުށުގެ ހާލަތު އޮތް ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފުލުހުން ބުނީ 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް މާލޭގައި އެކަނި ވެސް 44 ގޭންގެއް ވަނީ އުފެދިފައިވާ ކަމަށެވެ. އެވެ. އަދި އޭގެ ތެރޭގައި ބިރުވެރި، ނުރައްކާ ބޮޑު 10 ގޭންގެއް ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.
ފުލުހުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާ އިރު، ގޭންގްތަކަށް ނިސްބަތްވާ 2،800 މީހުން ލިސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ވެސް ހިމެނެ އެވެ.
ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގައި ގޭންގްތައް ގިނަ ނަމަވެސް މެދުރާއްޖެތެރޭގައި އެކަން ފާހަގަނުކުރެވޭ ކަމަށެވެ. ނަމަވެސް ގޭންގްތަކުގެ މައްސަލަތައް ދެކުނުގައި ބޮޑީ ކޮން ދެ އަތޮޅެއްގައި ކަމެއް ހާމައެއްނުކުރެ އެވެ.

އެކަމަކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ އަހަރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އެންމެ ދެކުނު ކަމަށްވާ އައްޑޫގައި 12 ގޭންގެއް ހަރަކާތްތެރިވެ އެވެ.
މިއަދު ފެށި ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ ފަހަތުގައި ސިޔާސީ ނިޔަތް ޝާމިލުވާވެ އެވެ.