Last Updated: July 18, 16:38
Saturday, July 18, 2026
ކުޅިވަރު

ރެއާލުން 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިފި

1-0 އިން ލިވަޕޫލް ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި އެވެ.

މިއީ ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި 14 ވަނަ ފަހަރެވެ. ރެއާލްއަކީ މި މުބާރާތް އެންމެ ގިނަ ފަހަރަށް ނެގި ޓީމު ވެސް މެ އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ރެއާލްގެ ގޯލަށް ލިވަޕޫލުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ލިވަޕޫލްގެ ސަޑިއޯ މާނޭ ފޮނުވާލި ބާރު ހަމަލާ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޓުއާގެ އަތުގައި ޖެހިފައި ދަނޑި އަށް އަމާޒުވިއިރު ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް ދުރުން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ރެއާލުން ކުޅުން ރަނގަޅު ކުރިއިރު މެޗުގެ 56 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. ވިނީޝަސް މި ގޯލު ކާމިޔާބު ކުރީ ވަލްވާޑޭ ނަގައިދިން ހުރަހަކުން މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ލިވަޕޫލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު ސަލާހު ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ރެއާލްގެ ގޯލަށް ފޮނުވާލާފަ އެވެ. ނަމަވެސް އެ ދެ ހަމަލާ ވެސް ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ. އަނެއްކޮޅުން ރެއާލަށް ލީޑު ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

ރެއާލުން ޗެމްޕިއަންސް ލީގުގެ އިތުރުން ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލުން ސީޒަން ނިންމާލީ އިނގިރޭސި އެފްއޭކަޕާއި ލީގު ކަޕްގެ ތަށްޓާއެކު އެވެ.