މެލޭޝިއާގައި ލިބެން ހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ރާއްޖޭގައި ސިލްސިލާކޮށް ބާއްވަމުން އަންނަ "އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ" ގެ މި އަހަރުގެ ހަރަކާތް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
އެ ގައުމުގެ ގިނަ އަދަދެއްގެ ޔުނިވަސިޓީތަކުން ބައިވެރިވާ މި ފަހަރުގެ އެކްސްޕޯ ކުރިއަށްދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އަންނަ މަހުގެ 2-6 އަށެވެ.
އެގޮތުން އެކްސްޕޯގެ ފުރަތަމަ އިވެންޓް އަންނަ މަހުގެ 2 ވަނަ ދުވަހު ބާއްވާނީ ހދ. ކުޅުދުއްފުށީގަ އެވެ. އެ ސިޓީގައި އިވެންޓް ބާއްވާނީ އެ ދުވަހުގެ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ހދ އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.
އޭގެ ފަހުން މާލޭގައި އެކްސްޕޯގެ އިވެންޓް ބާއްވާނީ އަންނަ މަހުގެ 3 އާއި 4 ގައި މީރުމާ ހޯލްގައި އެ ދުވަސްތަކުގެ ހަވީރު 5:00 އިން ރޭގަނޑު 9:00 އަށެވެ.
ފުވައްމުލަކުގައި އެކްސްޕޯ އޮންނާނީ ހާފިޒު އަހުމަދު ސްކޫލްގައި އަންނަ މަހުގެ 5 ގަ އެވެ. އިވެންޓް އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށެވެ. އަދި އައްޑޫގައި އެކްސްޕޯ އޮންނާނީ ހިތަދޫ ނޫރާނީ ސްކޫލްގައި އަންނަ މަހުގެ 6 ގަ އެވެ. އެއީ އެ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯގެ ގޮތުގައި ފާހަގަކޮށްލެވޭ "އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ" އަކީ އަބަދު ބެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެއްޗެކެވެ. އަދި މި އެކްސްޕޯގެ ބޭނުން ހިފައިގެން މަތީ ތައުލީމަށް އެ ގައުމަށް ދާ މިހާރު ގިނަ އެވެ.
އެހެންވެ މި އެކްސްޕޯ އަކީ މެލޭޝިއާގައި ލިބެން ހުރި ފުރުސަތުތައް ދެނެގަތުމާއި ފުރުސަތުތަކަށް އެދެން މަގުފަހިކޮށްދޭ އެކްސްޕޯއެކެވެ.
