އަންނަ މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓްއި މައްސަލަތައް ތާވަލުކުރާ ގަޑި އިތުރުކުރަން ނިންމައިފި އެވެ.
އެ ކޯޓުން ބުނީ ނުނިމި ގިނަ ދުވަސްތަކެއްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި އަންނަ މަހުގެ 1 އިން ފެށިގެން ތިން މަސް ދުވަހަށް ކޯޓްގެ ހަވީރު 5:00 އާ ހަމައަށް މައްސަލަތައް ތާވަލުކުރަން ނިންމާފައި ކަމަށެވެ. މިގޮތަށް ނިންމީ މިހާރު މަސައްކަތްކުރާ ރަސްމީ ގަޑީގެ ފަހުން މެންދުރު ފަހު 2:00 އިން ފެށިގެން މައްސަލަތައް ތާވަލުކުރާ ގޮތަށް ހަމަޖެއްސުމަށް ފަހު އެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ހުރި ވަސީލަތްތަކާ އެ ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށް 16 އަހަރު ހޭދަވާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ދާދި ފަހުން ވިދާޅުވެފައިވެ އެވެ.
އެހެންވެ އެކަމަށް ހައްލެއް ހޯދަން މަސައްކަތުގެ ގަޑި އިތުރުކުރަން ޖޭއެސްސީން ހުށަހަޅަން ނިންމި އެވެ.