ބައެއް ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރަށު ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާހަގަކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބާރުތަކެއްދިނީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްކަން ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް ބައެއް ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް އެއްބާރުލުން ނުދޭކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ އަންހެނުންގެ ކޮމިޓީތަކުން ކުރާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ ވާހަކަ ކޮމިޓީތަކުން ފާހަގަކުރާ ކަމަށެވެ.
އއ. އުކުޅަހުގައި ކުރިއަށްގެންދާ "ވިއަވަތި" ކޮންފަރެންސަކީ މިމަހުގެ 28-29 ގައި ކުރިޔަށްގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ސޯލިހް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.