Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ޔާމީން ފަނޑިޔާރަކަށް އިންޒާރުދިން މައްސަލަ ފުލުހަށް

ކުރީގެ ރައީސް އަބްދުالله ޔާމީން އަދި އަނބިކަނބަލުން ފާތިމަތް އިބްރާހިމް-- ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަނޑިޔާރަކަށް އިންޒާރުދިން މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ފުލުހަށް ހުށަހަޅައިފިއެވެ.

މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރި ޕީޕީއެމްގެ ކެނޑިޑޭޓްގެ ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އިންޒާރު ދިނުމުގެ މޭރުމުން "ޖަލުތައް ބޮޑުކުރަންޖެހޭ" ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޖޭއެސްސީގެ ފަރާތުން މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި ޖޭއެސްސީން ވަނީ ފަނޑިޔާރު އަލީ ރަޝީދުގެ ސެކިއުރިޓީގެ ކަންކަމުގައި ސަމާލުވުމަށާއި، ޔާމީން ދެއްކި ވާހަތަކުގައި ޖިނާއީ މައްސަލައެއް ހިމެނޭނަމަ ތަހުގީގްކޮށް ދިނުމަށް އެދިފައެވެ.

ޔާމީން އެދުވަހު ދެއްކެވި ވާހަކައިގައި ސަލާމަތީ ހިދުމަތްތަކުގެ ވެރިންނަށްވެސް އިންޒާރުދެއްވިއެވެ. އެގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ޖަލަށް ދާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.