Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

އިގުތިސާދީ ދުވެލި ހުރީ ރަނގަޅު މިސްރާބަކަށް

ރާއްޖޭގެ އިގުތިސާދީ ދުވެލި މިހާރު ހުރީ ރަނގަޅު މިސްރާބަކާ ދިމާއަށް ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ދުވަހުގެ މުއްދަތަށް އއ. އުކުޅަހުގައި އިއްޔެ ފެށި "ވިއަވެތި ރާއްޖެ" ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މިއަދު ވިދާޅުވީ ދުނިޔެ އަށް ކުރިމަތިވާ ބަލިމަޑުކަމަކަށް ވިޔަސް ނުވަތަ ހަނގުރާމައަކަށް ވިޔަސް އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު ރާއްޖެ އަށް ވެސް ފޯރަމުންދާ ކަމަށެވެ. އެގޮތުން ކޮވިޑް-19އާ ހެދި ދަތުރުފަތުރު ހުއްޓި، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވި އެވެ.

އަދި މިހާރު ޔޫކްރެންގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު އިންތިހާއަށް ކުރަމުންދާ އިރު ދުނިޔޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގު އިންތިހާއަށް އުފުލެމުން ދާތީ އޭގެ އަސަރު ވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ މިފަދަ ކަންކަމާ ހެދި ބަޖެޓުކޮށްފައިވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ހަރަދުކުރަން ޖެހިފައިވާ ކަމަށާއި އެއީ މާލީ ގޮތުން ދިމާވެފައިވާ ބޮޑު ގޮންޖެހުންތަކެއް ކަމަށް ވިދާޅުވި އެވެ. އެކަމަކު ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ވިޔަސް ރާއްޖޭގެ އިގްތިސާދީ ދުވެލި ރަނގަޅު މިސްރާބަކަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް ދާން މި ޖެހެނީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އިގްތިސާދުގެ ދުވެލި ހުރީ ރަނގަޅު ދިމާލަކަށް،" ރައީސް ވިދާޅުވި އެވެ. "ހަރަދުތައް ބޮޑުވުމާ އެކީގައި ޕްރޮޖެކްޓްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ރަނގަޅު މިސްރާބަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންދާނަން."

ރާއްޖޭގެ އިގުތިސާދުގެ ދުވެލީގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށް ތަކުރާރުކޮށް ރައީސާއި ފިނޭންސް މިނިސްޓަރު އިބްރާހީމް ވިދާޅުވަމުން ގެންދެނެވި ނަމަވެސް ރާއްޖޭގެ އިގުތިސާދު މިހާރަށް ވުރެ ރަނގަޅަށް މެނޭޖްކުރަން މަސައްކަތްތަކެއް ނުކޮށްފި ނަމަ، އޭހެ ގެއްލުން ވަރަށް ބޮޑުވެދާނެކަމުގެ އިންޒާރު ދުނިޔޭގެ މާލީ ބޮޑެތި އިދާރާތަކުން ދަނީ ދެމުންނެވެ.