Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ޝަމީމު މުޅި ޕްރޮސެކިއުޝަން ފަސާދަކޮށްފި

ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އުފުއްލަވަނީ ސިޔާސީ ދައުވާތައް ކަމަށާއި އޭނާ މުޅި ޕްރޮސެކިއުޝަން ފަސާދަކޮށްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޖީ ޝަމީމަކީ ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށް ރައީސް ޔާމީނަށް ނުޙައްޤު ދަޢުވާކުރާ މީހެއްކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ.

އޭނާ މި މޭރުމުން ޕީޖީ އަށް ފާޑު ވިދާޅުވެ ޓްވީޓްކުރެއްވީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަ އައިޝަތު މުހައްމަދު ޕީޖީ އަށް ގިނަ ތުހުމަތުތަކެއް މީޑިއާއެއްގައި ކުރައްވައި އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ އެންމެގައި މައްސަލަތަކުން ތަނާޒުލްވުމާ ގުޅިގެންނެވެ.

"ޕީޖީ ޝަމީމްއަކީ ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށް ރައީސް ޔާމީނަށް ނުޙައްޤު ދަޢުވާކުރާ ފަރާތެއްކަން އެސްޕީޕީ ޢާއިޝާގެ ވާހަކައިން ސާބިތުވެއްޖެ،" ޖަމީލު ވިދާޅުވި އެވެ. "ހެކިންނަށް އިމްތިޔާޒު ދިންއިރު އެ މީހުންގެ ވަކީލު، މިހާރު އެ މީހުން ބޭނުންކޮށްގެން ސިޔާސީ ދަޢުވާ އުފުލަނީ. މުޅި ޕްރޮސެކިއުޝަން ފަސާދަކޮށްފި."