ކުޅިވަރަށް ހާއްސަ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ޖަރުމަންގެ "ޕޫމާ" ގެ ފިހާރައެއް ރާއްޖޭގައި އަލަށް ހުޅުވައިފި އެވެ.
މާލޭގައި ރޭ އެ ފިހާރަ ހުޅުވީ ސޮނީ ސްޕޯޓްސްގެ ފަރާތުންނެވެ. ދެ ބުރިއަށް އަދި ޒަމާނީ ފާޑުވެރިކަމާ އެކު ހަދާފައިވާ ފިހާރަ ހުންނަނީ މަޖީދީ މަގުގައި ހުންނަ ވިންބިޒް އިންޓީރިއާ އިންވެގެންނެވެ.
މާލޭގައި ހުޅުވި "ޕޫމާ" ގެ ފިހާރައާ ބެހޭ ގޮތުން އެ ތަނުން ބުނީ ރާއްޖޭގައި އެ ބްރޭންޑުގެ ފިހާރައެއް ހުޅުވަން ނިންމީ ކުރިއަރަމުން އަންނަ ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްސަލް ކުޅުންތެރިންގެ މުޖުތަމައަށް ހިދުމަތްކޮށްދިނުމާ އެކު، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އެ ބްރޭންޑުގެ އުފެއްދުންތަކާ އެކު އިތުރުކުރުމުގެ މަގްސަދުގައި ވެސް ކަމަށެވެ.
އެގޮތުން މާލޭގެ "ޕޫމާ" ފިހާރަ އިން ދެ ޖިންސްގެ އެކި އުމުރުގެ މީހުންނަށްކުޅިވަރާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޭނުންވާ ބޫޓާއި ހެދުމާ އަދި އެކްސެސަރީޒް ލިބޭނެ ކަމަށާއި މިއީ ކުޅިވަރާއި ސްޓައިލް އަށް ލޯބިކުރާ ފަރާތްތަކަށް ހުރިހާ އެއްޗެއް އެއް ތަނަކުން ލިބޭނެ ތަނެއް ކަމަށް ވެސް ބުންޏެވެ.
ސޮނީ ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ކަލީމް ވިދާޅުވީ، "ޕޫމާ" ގެ އަމާޒަކީ ކުޅިވަރު ކުޅޭ މީހުންނާއި ފިޓްނަސް އަށް ލޯބިކުރާ މީހުންގެ ދިރިއުޅުން ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ރަނގަޅުކުރުން ކަމަށެވެ.