ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޭގައި ދެމި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އެކަން ކުރަން ނެރުނު އަމުރު ހައި ކޯޓުން އިއްޔެ ބާތިލުކުރުމުން ރައީސް މުހައްމަދު ނަޝީދު އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
ފެށުނީއްސުރެ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ތަކުރާރުކޮށް ގޮވައިލައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް މާނަކުރާ އިރު، އެ ގާނޫނު އެކުލަވައިލި ފަރާތް ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ނިޔަތް އެ މާނަކުރުމުގައި ރަމްޒުވެފައި ނެތް ކަމަށެވެ.
"ހައި ކޯޓުގެ މި ގަޒިއްޔާގެ ނިންމުމަށް ބެލުމުން އަޅުގަނޑަށް އިނގޭ އެއް ކަމަކީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް އެދި ފުލުހުން އެދިފައިވާ ސަބަބުތައް ހައި ކޯޓަށް އެންމެ ރަނގަޅަށް ސާފުވެފައި ނެތްކަން،" ނަޝީދު ވިދާޅުވި އެވެ. "ކްރިމިނަލް ކޯޓުގައި ފުލުހުން އަމަލު ކުރަން އެދިފައި ވަނީ އެންމެ ސަބަބެއްގެ މައްޗަކަށް [ވެސް] ނޫން."
ނަޝީދު ވިދާޅުވި ގޮތުގައި ނިޔަތް އެންމެ ރަނގަޅަށް ރަމްޒުނުވާ ނަމަ، ގާނޫނުތައް އިސްލާހުކޮށް އެކަންކަން ބަދަލުކުރުމަށް މަޖިލީހުން މަސައްކަތް ކުރަންވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ ގޭގައި ދެމި ބެނާ ފުލުހުން ނެގި އިރު، "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރަކުން މިދިޔަ މަހުގެ 21 ގައި ކަނޑައަޅާފައިވެ އެވެ.

ތަކުރާރުކޮށް އެ ކެމްޕޭނަށް ނަޝީދު ފާޑު ވިދާޅުވެ، އެކަން ހުއްޓާލުމަށް ގޮވާލައްވަމުން ގެންދަވާ އިރު، ނަޝީދު އިސްކޮށް ހުންނަވައިގެން "އިންޑިއާ އައުޓް" އާ ދެކޮޅަށް މިހާރު ވަނީ "ބާކީނުވޭ" ގެ ނަމުގައި ކެމްޕޭނެއް ފަށައިފަ އެވެ.
"އިންޑިއާ އައުޓް" އަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.