Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ނަޝީދު އުޅުއްވަނީ އިދިކޮޅަށް ހުރަސް އަޅަން: ޖަމީލު

ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވަނީ ރާއްޖޭގެ އިދިކޮޅު ސިޔާސީ މަސައްކަތްތަކަށް ހުރަސް އަޅުއްވަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީުޓެއްގައި ވިދާޅުވީ ނަޝީދު މަސައްކަތްކުރައްވަނީ ގާނޫނުތަކުގެ ބޭރުން އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅުއްވައި ހިޔާލު ފާޅުކުރުމުގެ ހައްގު ވެސް ނިގުޅައިގަންނަން ކަމަށެވެ.

ޖަމީލު މިފަދަ މޭރުމަކުން ޓްވީޓްކުރައްވާފައި މި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ބެނާއެއް އެ މަނިކުފާނުގެ ގޭގައި ދެމި މައްސަލާގައި ފުލުހުން ބެނާ ނެގި މައްސަލައާ ގުޅިގެން އެ މައްސަލާގައި ހައި ކޯޓުން އިއްޔެ ނެރުއްވި ހުކުމާ ދެކޮޅަށް ނަޝީދު މިއަދު ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

ބެނާ ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައެޅުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް އެދި ފުލުހުން ހުށަހަޅާފައިވާ ސަބަބުތައް ހައި ކޯޓަށް އެންމެ ރަނގަޅަށް ސާފު ނުވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ހައި ކޯޓުން ނިންމި ނިންމުމުގައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު މާނަ ކުރާއިރު މަޖިލީހުގެ ނިޔަތް ރަމްޒުވެފައި ނެތް ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ ނިޔަތް އެންމެ ރަނގަޅަށް ރަމްޒު ނުވާނަމަ ގާނޫނުތައް އިސްލާހުކުރުން މަޖިލީހުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ނަޝީދު ވާހަކަ ދައްކަވާ އިރު، އެ ކެމްޕޭނާ ދެކޮޅަށް މިހާރު ނަޝީދު އިސްކޮށް ހުންނަވައިގެން ގެންދަވަނީ "ބާކީނުވޭ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަވަމުންނެވެ.