މަސްޖިދުލް އަގްސާގެ ތެރެއަށް އިސްރާއީލުގެ ގިނަ އަދަދެއްގެ ބަޔަކު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލުމުން އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރިކުރައްވައިފި އެވެ.
އިސްރާއީލުގެ މި ޢަމަލު ކުށްވެރިކުރައްވާ ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިސްރާއީލުގެ ދިދަ ހިފައިގެން ގިނަ އަދަދެއްގެ ބަޔަކު އަގްސާ އަށް ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލުން ކުށްވެރިކުރާ ކަމަށެވެ.
އަދި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ޓްވީޓެއް ކުރައްވައިފަ އެވެ. މައުމޫން ވިދާޅުވީ އިޒްރޭލްގެ ދިދަ ހިފައިގެން ބަޔަކު އަގްސޯ މިސްކިތަށް ވަދެ އެމާތް މިސްކިތުގެ ހުރުމަތް ކަނޑާލުމަކީ މުޅި އިސްލާމީ އުންމަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމެއް ކަމަށެވެ.
މިދިޔަ ރޯދަ މަހު އިސްރާއީލު ސިފައިން ވެސް ވަނީ ފަލަސްތީންގެ ރައްޔިތުން ފަތިސް ނަމާދު ކުރަން އަލް އަގްސާ މިސްކިތުގައި ތިއްބާ ވަދެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީ އެ މިސްކިތުގައި ތިބި މީހުންނަށް ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަނިޔާތައް ލިބިފަ އެވެ.