މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވާކަން ހައްޖު ކޯޕަރޭޝަނުން އަންގާފައިވާ މީހުން ހައްޖު ދައުވަތު ގަބޫލުކުރާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދޭން އެ ކުންފުނިން އެދިއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެކަން އަންގަން ދިން މުއްދަތު މާދަމާ ހަމަވާނެ ކަމަށެވެ. އެހެންވެ ހައްޖަށް މި އަހަރު ދާނެކަން މާދަމާ ކަށަވަރުނުކޮށް ދޭ މީހުން މި އަހަރުގެ ހައްޖު ކޯޓާގެ ލިސްޓުން އުނިކޮށް ކުންފުނީގެ ހައްޖު ޖާގަ ލިސްޓުގައި އިހު އޮތް އޯޑަރުން ތަރުތީބު ކުރެވޭނެ ކަމަށް ބުންޏެވެ.
މި އަހަރު ރާއްޖެ އަށް ލިބިފައި ވަނީ ހައްޖުގެ އެންމެ 453 ކޯޓާ އެވެ. މި ކޯޓާގެ ދަށުން އާންމުކޮށް ހުޅުވާލައިގެން ހައްޖަށް ދާން ހާއްސަކުރި 100 ކޯޓާ އަށް ކުރިމަތިލާން މިދިޔަ ހަފުތާގައި އިއުލާންކޮށްފައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައަޅާނީ ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ. އެގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނެގޭނެ އެވެ. އަދި ވެއިޓިން ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެ އެވެ.
ފުރަތަމަ 100 ޖާގަ އަށް ނެގޭ މީހުންގެ ތެރެއިން މީހަކަށް އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެ ނަމަ ވެއިޓިން ކިއޫ ތަރުތީބުން ޖާގަ ދޭނެ އެވެ. އަދި ގުރުއަތުން ހޮވޭ މީހެއްގެ ޖާގަ އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ފައިސާ ދައްކަން ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ މީހެއްގެ ޖާގަ ވެސް ގެއްލޭނެ ކަމަށެވެ.
އާންމުކޮށް ހުޅުވައިލި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76،960ރ. އެވެ. މި ކޯޓާގައި ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ގިނަވަގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ 100 ކޯޓާ އަށް ކުރިމަތިލެވޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، އަންނަ މަހުގެ 15 އަށް 65 އަހަރުވެފައި ނުވާ އަދި ކޮވިޑްގެ ދެ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ.