ފޭދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބް ކުރެއްވި މުހައްމަދު ނިހާދުގެ ކެންޑިޑެންސީ ވަގުތީ ގޮތުން ހުއްޓުވަން އަމުރު ނެރުމުގެ އިހްތިސާސެއް ނެތް ކަމަށް މިއަދު ސިވިލް ކޯޓުން ނިންމައިފި އެވެ.
އެމްޑީޕީ ޕްރައިމަރީގައި ނިހާދު އާއި ވާދަކޮށް ބަލިވި އަލްހާން ފަހުމީ ނިހާދުގެ ކެންޑިޑެންސީ ވަގުތީ ގޮތުން ހުއްޓުވުމަށް އިލެކްޝަންގެ މައްޗަށް ވަގުތީ އަމުރަކަށް އެދުމާއި ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ އާންމު އިންތިޚާބުތަކުގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނަށް ބަލާއިރު ވެސް އެފަދަ މައްސަލަތަކަކަކީ ހައި ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވުމުން އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މިގޮތަށް ނިންމަވާފައިވަނީ ދައުވާ ލިބޭ އެމްޑީޕީގެ ޢައިރު ހާޒިރުގައެވެ.
އަލްހާން ދައުވާ ކޮށްފައިވަނީ އެމްޑީޕީ ޕްރައިމަރީގައި ބޮޑެތި އޮޅުވާލުން ހުރި ކަމަށް ބުނެއެވެ. އަދި އަލްހާން އަންނަނީ އަމިއްލަ ގޮތުން ފޭދޫ ދާއިރާއަށް ކުރިމަތިލައްވައި ކެމްޕެއިން ކުރައްވަމުންނެވެ.