Last Updated: July 18, 16:38
Saturday, July 18, 2026
ކުޅިވަރު

ޓޮޑް ބޯލީގެ ގްރޫޕަށް ޗެލްސީ ވިއްކާލައިފި

ޓޮޑް ބޯލީ

އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ އުފައްދާފައިވާ ގްރޫޕަށް ޗެލްސީ ވިއްކާލައިފި އެވެ.

ރަޝިއާ އިން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޔުކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އިނގިރޭސި ސަރުކާރުން ޗެލްސީގެ ވެރިޔާ އަދި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާއެކު އެ ޓީމު ވިއްކާލަން ނިންމީ މާޗް މަހު ދެވަނަ ދުވަހު އެވެ. މިދިޔަ މުއްދަތުގައި ޗެލްސީ ހިންގަމުން އައިސްފައިވަނީ އިނގިރޭސި ސަރުކާރުން ދޫކޮށްފައިވާ ހާއްސަ ލައިސަނެއްގެ ދަށުންނެވެ.

ޗެލްސީ ގަތުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރިއިރު ޓޮޑް ބޯލީގެ ގްރޫޕުން ޗެލްސީ ގަނެފައިވަނީ 2.5 ބިލިއަން ޕައުންޑަށެވެ. އަދި ކުރިއަށް އޮތް ތަނުގައި 1.7 ބިލިއަން ޕައުންޑް ޗެލްސީގެ އެކި ކަންކަމަށް އިންވެސްޓް ކުރުމަށް އެ ގްރޫޕުން ވަނީ ނިންމާފަ އެވެ.

ޓޮޑް ބޯލީގެ ގްރޫޕްގައި ހިމެނެނީ އެމެރިކަން ފުޓްބޯޅަ ކްލަބް، ލޮސް އެންޖެލެންސް ޑޮޖާސްގެ އެއް ވެރިޔާ މާކް ވޯލްޓާ އާއި ސްވިޒަލެންޑްގެ ބިލިއަނަރު ހަންސްޔޯގް ވިސް އަދި އެމެރިކާގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ، ކްލިއާލޭކް ކެޕިޓަލް އެވެ.

ޗެލްސީއާ ރަސްމީކޮށް ހަވާލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބޯލީ ވިދާޅުވީ މިއީ ލިބޭ ޝަރަފެއް ކަމަށާއި އެ ގްރޫޕްގެ އަމާޒަކީ ޗެލްސީގެ ސަޕޯޓަރުން ފަހުރުވެރިކޮށްދީ ކާމިޔާބީތައް ހޯދުން ކަމަށެވެ.

ޓޮޑް ބޯލީގެ ގްރޫޕަށް ޗެލްސީ ވިއްކާލުމުގެ ކަންކަން ނިމުމުން އެ ކްލަބަށް އިނގިރޭސި ސަރުކާރުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް މިހާރު ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެގޮތުން ކުޅުންތެރިން ގަތުމާއި، ވިއްކުން އަދި ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުން ފަދަ މިހާރު ކުރިއަށްގެންދިޔުމަށް ހުރަހެއް ނެތެވެ.

ދެހާސްތިނެއްގައި އަބްރަމޮވިޗް ޗެލްސީ ގަތީ 140 މިލިއަން ޕައުންޑަށް ކަމަށްވާއިރު، ޗެލްސީ ވިއްކާލުމަށްފަހު ލިބޭ އެއްވެސް ފައިސާއެއް އަބްރަމޮވިޗް ނުލިބޭނެ ގޮތް އިނގިރޭސި ސަރުކާރުން ވަނީ ހަދާފަ އެވެ.