ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓްގައި ބިދޭސީއެއް މަރާލި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އޭޕްރިލް 16 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އެ ރެސްޓޯރެންޓްގެ ޝެފްއެވެ. މީގެ ކުރިން އޭނާގެ ބަންދު މުއްދަތު ޖަހަމުން އައިސްފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ.
އެހެންނަމަވެސް އިއްޔަ ކްރިމިނަލް ކޯޓުން ވަނީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު، ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
ކޯޓުން މި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނީ މިމައްސަލައިގައި އޭނާގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ބުނެއެވެ. އެގޮތުން ހާދިސާ ހިނގިތަން ފެނުނު ފަރާތްތަކުގެ ބަޔާނާއި ހާދިސާ ހިންގި ތަނުގެ ފޮޓޯ ރިޕޯޓާއި ހާދިސާއާ ގުޅޭ އެހެނިހެން ފަރާތްތަކުގެ ބަޔާން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދި ބިދޭސީމީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރި ކަމަށް ބަޔާންކޮށް އެވަގުތު ހާދިސާ ހިނގިތަނުގައި ހުރި ފަރާތަކުން ބަޔާން ދިފައިވާތީ މިނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް މީނާ ކުރިކަމަށް މަތީ މިންވަރަކަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މިމައްސަލައިގައި ތަހުގީގު ކުރުމުގެ މުއްދަތު 15 ޖޫން 2022 ދުވަހާ ހަމައަށް ޕީޖީ އޮފީހުން އޮތީ އިތުރުކޮށްދީފައެވެ.
ޕާކިސްތާނު ކައްކާގެ ހަމަލާއަކުން މަރުވެފައިވަނީ އެމްޑީ ޝާހިން ،29، ނަމަކަށް ކިޔާ ފިރިހެނެކެވެ. ޝާހިންގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާލާފައެވެ.