Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

އައްޑޫގެ އުޅަނދުފަހަރުގެ ދަފުތަރެއް އެކުލަވާލަނީ

އައްޑޫގައި ބޭނުންކުރަމުން އަންނަ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފުތަރެއް އެކުލަވާލަން ނިންމާފައިވާތީ އެ މައުލޫމާތު ހިއްސާކޮށްދޭން ސިޓީ ކައުންސިލުން އާންމުކޮށް ހުޅުވާލައިިފި އެވެ.

ކައުންސިލުން ބުނީ މިކަން ކުރިއަށް ގެންދަން ޖެހުނީ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކޮށްފައިވާ ޒޯންތަކުގެ ތެރެއިން އެ ރަށަކަށް ނިސްބަތްވާ އުޅަނދުފަހަރުގެ މަޢުލޫމާތު އެނގޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑޭޓާ ބޭސް އިން ވަކިކުރެވެން ނެތުމުން ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އެދުމުގެ މަތިން ކަމަށެވެ.

އެހެންވެ ކައުންސިލުން ނިންމީ އައްޑޫގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތު ހޯދުމަށް ފަހު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑޭޓާބޭސްއާ އަޅާކިޔުމަށް ފަހު އެ މައުލޫމާތު އަޕްޑޭޓްކުރަން ކަމަށެވެ. އެހެންވެ ދަފުތަަރަށް އުޅަނދުފަހަރާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 10 އާ ހަމައަށެވެ.

އެގޮތުން ތިން ގޮތަކަށް އުޅަނދުފަހަރާ ބެހޭ މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. އެއީ އެކަމަށް ހާއްސަކޮށްފައިވާ ގޫގުލް ފޯމާއި އުޅަނދުފަހަރުގެ ރަޖިސްޓްރީ ނަންބަރު ފެންނަ ގޮތަށް ފޮޓޯއެއް ނަގައި ވައިބާކޮޑްގެންނާއި ރަޖިސްޓްރީގެ ކޮޕީއެއް ވައިބާކޮށްގެންނެވެ. ވައިބާކުރަން ޖެހޭ ނަމްބަރަކީ 7365003 އެވެ.