Last Updated: July 1, 20:48
Friday, July 1, 2022
ރިޕޯޓް

އަންހެނުން ކަސްރަތުކުރަން ހެނދުނު، ފިރިހެނުން ހަވީރު

ކަސްރަތުކޮށްގެން ހަށިގަނޑަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ގެނައުމުގައި ދެ ޖިންސްގެ މީހުންގެ މެދުގައި ކަސްރަތުކުރާ ވަގުތު ތަފާތުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ފްރޮންޓިއާސް އިން ސައިކޮލިޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ސްކިޑްމޯ ކޮލެޖުން ހަދާފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި އަންހެނުން ހެނދުނު ހެނދުނާ ކަސްރަތުކުރާ ނަމަ އެއީ ނަތީޖާ ނެރުމަށް ވަރަށް ބޮޑު ބާރަކަށްވެ އެވެ. އަދި ފިރިހެނުން ކަސްރަތުކުރަން އެންމެ އެށީގެންވާ ވަގުތަކީ ހަވީރު ކަމަށާއި އޭގެ ސަބަބުން ސަރުބީ ވިރުވައިލަން ބާރުއަޅާ ކަމަށް ބުންޏެވެ.

އެހެންވެ އަންހެނުން ހެނދުނު ކަސްރަތުކުރާ ވަގުތަކީ ހެނދުނުގެ 8:30 ގެ ކުރިއަށް ހެދިދާނެ އެވެ. އަދި ފިރިހެނުން ކަސްރަތުކުރަން އެންމެ ރަނގަޅު ވަގުތަކީ ހަވީރު 6:00 އާއި ރޭގަނޑު 8:00 އާ ދެމެދު ކަމަށް ބެލިދާނެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދެ ޖިންސްގެ މީހުން ކަސްރަތުކުރާ ވަގުތާއި ނެރޭ ނަތީޖާ އަށް ބަލާ އިރު މިކަމުގައި އެ މީހުން ހޯމޯނާއި ހަށިގަނޑު އުފެދިފައިވާ ގޮތާއި ނިދައި ހޭލުން ފަދަ ކަންކަން ތަރުތީބުވެފައިވާ ގޮތާ ވެސް ގުޅުން ބޮޑެވެ. ދިރާސާގައި ފާހަގަކޮށްގައިވާ ގޮތުން ކަސްރަތުކުރަން ގިނަ އަންހެނުން ބޮޑަށް ޝައުގުވެރި ވަނީ ވެސް ހެނދުނެވެ. އަދި އޭގެ ސަބަބުން ހާއްސަކޮށް އުނަގަނޑުގައި ޖަހާފައިވާ ސަރުބީ ވިރުވައިލަން ފަސޭހަވާ ކަމަށް ދައްކަ އެވެ.

ދެ ޖިންސްގެ މީހުން ކަސްރަތުކުރާ ވަގުތާ އިން އެއިން ނުކުންނަ ނަތީޖާތަކަށް ބަލާ އިރު މީގެ ސަބަބުން ލޭގެ ޕްރެޝަރު ވެސް ހަމައަކަށް އަޅުވައިދޭން މަގުފަހިވާ ކަމަށް ދިރާސާ އިން ދައްކަ އެވެ.

ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ސްކިޑްމޯ ކޮލެޖްގެ ހެލްތު އެންޑް ހިއުމަން ސައިކޮލިޖިކަލް ޕްރޮފެސަރު ޑރ. ޕޯލް އާޝެރިއޯ ވިދާޅުވި ގޮތުގައި ދުޅަހެޔޮ ސިއްހަތަކަށް ކޮންމެހެން ކަސްރަތަކީ މުހިއްމު ކަމަކަށްވާތީ އެއީ ދުވަހުގެ ރޫޓިންގެ ތެރޭގައި ހިމެނޭ ކަމަކަށް ހެދުން ވަރަށް މުހިއްމެވެ.

"ކަސްރަތުކުރަން އެންމެ ރަނގަޅީ އެކަމަށް ތިމާ އަށް އެންމެ ރަނގަޅަށް ވަގުތު ދެވެން އޮންނަ ވަގުތެއްގައި. އޭގެ ސަބަބުން އެކަމަށް އާދަ ވެސް ވާނެ." އޭނާ ވިދާޅުވި އެވެ.